ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާއިކަމަށާއި އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެ ކޮންޓެއިނަރުތައް، އޮޔާދާ ކަމުގެ މައުލޫމާތު އެ ކުންފުނިން ރޭ 23:10 އެހައިކަންހާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މީގެތެރެއިން 2 ކޮންޓެއިނަރު ފެނިފައިވާ ކަމަށާ ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.
މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ. އެހެން ކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.