ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ މެންބަރުންގެ މެދުގޮތް އޮތް ގުޅުން ހީނަރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް"ގެ ދެވަނަ އެޕިސޯޑުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިހާރުގެ އިދިކޮޅު ފަރާތްތަކުން ގައުމުގެ ވެރިކަން ކުރެއްވިއިރު ވެރިކަމުގެ ވަކި ހިސާބަކުން ޕާޓީ ތެރޭގައި ހަމަނުޖެހުން އެފެދި މައްސަލަތައް ޖެހުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޕީއެންސީގެ ގުޅުން ހީނަރު ކުރުމަށް މިހާރު އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކާމިޔާބު ނުކުރެވޭނެކަމަށެވެ.

ޕީއެންސީގެ އެންމެ މަތީ ލީޑަޝިޕުން ފެށިގެން އާންމު މެންބަރުންނާ ހަމައަށް އޮތް ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ހުރިހާ މެންބަރުންވެސް މަސައްކަތް ކުރަނީ އެއް އަޒުމެއްގައި ގައުމުގެ ތަރައްގީކުރުމުގެ ވިސްނުމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރަނގަޅަށް، ވަރަށް އެކުވެރިކަމާއެކީގައި އޮތީ ވަރަށް ރަނގަޅު އެކުވެރި ގުޅުމެއް. އެހެންނަމަވެސް މި ގުޅުން ހީނަރުކުރަން އަދި ބައިބައިކުރަން އެކި ފަރާތްތަކުން މަސައްކަތް ކުރޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތް އެވާހަކަ އަޑުއަހާނެ ބަޔަކު. އަޅުގަނޑުމެންގެ އަޒުމު ވަރަށް ވަރުގަދަ. އަޅުގަނޑުމެން މިތިބީ ގައުމަށް ހިދުމަތްކުރުމަށްޓަކައި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާ އަދާކުރުުމުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގައި އަޅުަގަނޑުމެން އެންމެން އެ އަޒުމުގައި އެ ނިޔަތުގައި ކުރިއަށްމިދަނީ."

ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު

ޕީއެންސީގެ ކޮންގްރެސް އަވަސްކުރެއްވީ ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެދިދާނެތީ ކަމަށް ބަޔަކު ތުހުމަތުކުރި ނަމަވެސް ތާރީހު އަވަސްކުރީ ކުރީގެ ތާރީހާއި އޯލެވެލް އިމްތިހާނާ ދިމާވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުވެސް ގާނޫނުގައި ކޮންގްރެސް ބާއްވަން ކަނޑައަޅާފައި އޮތް މުއްދަތު ހަމަވެފައިވާކަމަށާއި އެއީވެސް ކޮންގްރެސް އަވަސްކުރެއްވި ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންސީގެ ކޮންގްރެސް ބާއްވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕާޓީގެ ވަފުދުން ބައިވެރިވާގޮތަށް ކާމިޔާބުކަމާއެކުގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.