އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ކުވައިތާއި ބަހުރޭނުގައި ހުންނަ އެމެރިކާގެ އަސްކަރީ މުހިންމު 8 ތަނަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރްޖީސީ) އިން އާދީއްތަ ދުވަހުގެ ފަތިހު ނެރުނު ބަޔާނެއްގައި ބުނީ އެޖަމާއަތުގެ ނޭވަލް އަދި އެއަރޯސްޕޭސް ފައުޖުތައް ގުޅިގެން ރޭ ދަންވަރު 2:00 އާއި 3:00 އާ ދެމެދު ދިން މި ހަމަލާތަކުގައި، "ކުޑަކުދިން މަރަމުންދާ އެމެރިކާގެ އަސްކަރިއްޔާ"ގެ މުހިންމު އިންފްރާސްޓްރަކްޗާތައް ހަލާކުކޮށްލާފައިވާނެ ކަމަށެވެ.

މި ހަމަލާތަކަކީ ރޭގެ އިރާކޮޅު އީރާނުގެ އައްސޭރިފަށުގެ 5 ސަރަހައްދަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށް އައިއާރްޖީސީން ބުނެއެވެ.

އެމެރިކާއިން އެ ހަމަލާތައް ދިނީ ހުރުމުޒް ކަނޑުއޮޅީގައި އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދަކާ ކުރިމަތިލުމަކަށް ދިއުމާ ގުޅިގެން ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

އައިއާރުޖީސީން ބުނީ އެގައުމުގެ ނޭވީ އާއި އެއާފޯސް އިން ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ފޮނުވާލީ ކުވައިތުގައި ހުންނަ އެމެރިކާގެ އަލީ އަލް ސަލީމް އެއާބޭސް އާއި ބަހްރެއިންގެ ވެރިރަށް މަނާމާގެ ޕޯޓް ސަލްމާންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ނޭވަލް ފްލީޓަށް ކަމަށެވެ.

އައިއާރްޖީސީން ވަނީ ހަމަލާ ބަދަލުކުރުމުގެ ހުއްޓުން (ސީޒްފަޔާ) އާ ޚިލާފުވުމަކީ "އިސްލާމްއާބާދު މެމޮރަންޑަމް"ގެ ފުރަތަމަ މާއްދާއާ ޚިލާފު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ޑިޕްލޮމެޓިކް މަޝްވަރާތައް މުޅިން ހުއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.

"އިސްލާމްއާބާދު އެމްއޯޔޫގެ 1 ވަނަ މާއްދާއާ ޚިލާފުވުމަކީ ހުރިހާ މަޝްވަރާތަކެއް މުޅިން ހުއްޓުމަކަށް އަންނާނެ ކަމެއްކަން ދުޝްމަނުން ދަންނަން ޖެހޭނެ،" އެ ބަޔާނުގައި އައުއާރްޖީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން، ކަނޑުއޮޅިތަކުގެ ސަލާމަތާ ގުޅޭގޮތުން އައިއާރްޖީސީން ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ. "މިހިސާބުން ފެށިގެން، ގަވާއިދާ ޚިލާފަށް އުޅޭ އުޅަނދުތަކާމެދު ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތައް އަޅާނެ. އަދި ދުޝްމަނުން ކޮންމެ ބަހަނާއެއް ދެއްކިޔަސް އަދި އީރާނުގެ ކުޑަ އަމާޒަކަށް ހަމަލާދިނަސް، އަހަރެމެންގެ ފަރާތުން ވަރުގަދަ ރައްދެއް ލިބޭނެ،" އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.