ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ޓާގެޓް ގުރޫޕަށް މިހާރު އަންނަނީ ވެކްސިން ދެވެމުން ކަމަށެވެ. އެއީ ޞިއްޙީ ޙިދުމަތްދޭ ފަރާތްތަކާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިނުވާ ކުދިންނެވެ. އެ އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 28 ޖޫން އިން 30 ޖޫން ގެ ނިޔަލަށް ކަމަށެވެ.
އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ވެކްސިން ދިނުމުގެ ދެވަނަ ޓާގެޓް ގްރޫޕަކީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކެވެ. އަދި މި ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް މިހާރު ދަނީ ތައްޔާރުވަމުނެވެ.
މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިން ވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ދަނީ ތައްޔާރުވަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހާތަނަށް 220 ކޮންޓެކްޓުންނަށް ވަނީ ވެކްސިން ދީފައިކަމަށް އެޗްޕީއޭއިން ބުނެއެވެ.
ފުރަންޓްލައިންގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 ފަރާތަށް ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.