ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި މިއަދު 0-0 އިން ކޮލަމްބިއާއާ އެއްވަރުވެ، ޕޯޗުގަލްއަށް ދެވަނައިގައި ގްރޫޕް ސްޓޭޖު ނިންމާލަން ޖެހިއްޖެ އެވެ.
މެޗަށް ނުކުތްއިރު ޕޯޗުގަލް އާއި ކޮލަމްބިއާއަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީންވެފަ އެވެ. ނަމަވެސް ޕޯޗުގަލްއަށް ގްރޫޕްގެ އެއްވަނަ ލިބެން އޮތީ ކޮލަމްބިއާ ބަލިކޮށްގެންނެވެ.
ފްލޮރިޑާގެ ހާޑް ރޮކް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، އޭގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.
ދެވަނަ ހާފުގައި ވެސް ލަނޑެއް ނުފެނި މެޗު ނިމެންދަނިކޮށް ކޮލަމްބިއާގެ ޑިފެންޑަރު، ޑަވިންސަން ސަންޗޭޒް ވަނީ ބޮލުން ލަނޑެއް ޖަހާފަ އެވެ. އެކަމަކު ވީއޭއާރުން ނިންމީ އޭނާ ލަނޑު ޖެހި އިރު ހުރީ އޮފްސައިޑްގައި ކަމަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޯޗުގަލްގެ ގޯލު ބެލެހެއްޓި ޑިއޯގޯ ކޮސްޓާ އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ކޮލަމްބިއާއިން އެއްވަނަ ހޯދީ ހަތް ޕޮއިންޓާއެކު އެވެ. އަދި ޕޯޗުގަލްއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ކޮންގޯ އާއި އުޒްބެކިސްތާން މިއަދު ބައްދަލުކުރި މެޗު ކޮންގޯއިން ވަނީ ފަހަތުން އަރައި 3-1 އިން ކާމިޔާބުކޮށްފަ އެވެ. މިއާއެކު އެ ޓީމަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފަ އެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި ޕޯޗުގަލް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. އަދި، ކޮލަމްބިއާ އާއި ގާނާ ވާދަކުރާ އިރު، ކޮންގޯ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.