ވޭޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 2 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށާއި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ 18 އަހަރުން މަތީގެ މީހުނެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ޖުމްލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި މީގެ ތެރެއިން އެކްޓިވް 173 ކޮންޓްކްޓުން މޮނިޓަރ ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޗްޕީއޭ އިން މަސައްކަތް ކުރަމުންދާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހިންގާ ޚާއްޞަ ވެކްސިން ދިނުމުގެ ޕްރޮގްރާމް އާންމުންނަށް ހުޅުވާލައިގެން 28 ޖޫންގައި ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ޓާގެޓް ގުރޫޕަށް މިހާރު އަންނަނީ ވެކްސިން ދެވެމުން ކަމަށެވެ. އެއީ ޞިއްޙީ ޙިދުމަތްދޭ ފަރާތްތަކާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާކުދިންނެވެ. ވެކްސިން ދިނުމުގެ ދެވަނަ ޓާގެޓް ގްރޫޕަކީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކެވެ. އަދި މި ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް މިހާރު ދަނީ ތައްޔާރުވަމުނެވެ.

މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިން ވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ދަނީ ތައްޔާރުވަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހާތަނަށް 220 ކޮންޓެކްޓުންނަށް ވަނީ ވެކްސިން ދީފައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފުރަންޓްލައިންގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 ފަރާތަށް ވެކްސިން ދީފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.