ވިޒިޓް މޯލްޑިވްސް އިން ރަޝިޔާގެ ޕްރިމިއަމް ޓުއަރ އޮޕްރޭޓަރެއްކަމަށްވާ ލޮޓީ LOTi އާ ގުޅިގެން, ރަޝިޔާގެ ޕްރިމިއަމް ޓްރެވެލް ޓްރޭޑް ޕާޓްނަރުންނަށް ހާއްސަ ލަގްޒަރީ ނެޓްވޯކިން އިވެންޓެއްވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، (ވީއެމްސް) އިން ކުރިޔަށް ގެންގޮސްފިއެވެ.
ވީއެމްސްއިން ބުނީ މި އިވެންޓަކީ ރަޝިޔާގެ ލަގްޒަރީ އަދި "ސްލޯ ޓްރެވަލް" ސެގްމެންޓްގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް, ޓްރެވެލް ޓްރޭޑް ޕާޓްނަރުންނަށް ދިވެހިރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ ދިވެހިރާއްޖެއަކީ ޓޮޕް-އޮފް-ދަ މައިންޑް މަންޒިލަކަށް ހެދުމަށް ލޮޓީއާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން ބޭއްވި ފުރަތަމަ އިވެންޓް ކަމަށެވެ.
މި އިވެންޓުގައި، ރަޝިޔާގެ މަގުބޫލު ރެސްޓޯރެންޓެއް ކަމަށްވާ "އަސުންޓާ މާދްރޭ" ގެ ޓީމުން ވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި, ދިވެހިރާއްޖޭގެ ރަހަތަކާ ގުޅުވައިގެން ޚާއްޞަ ކެއުންތަކެއް ތައްޔާރުކޮށްފައެވެ. މީގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތަކާއި، ތާޒާ މަހުގެ އިތުރުން ޒަމާނީ ރަހަތައް އެކުލެވޭ ގިނަ ބާވަތުގެ ކާނާ ހިމަަނައި، ކޮންމެ ކެއުމެއްގައި ބޭނުންކޮށްފައިވާ ތަކެތީގެ އަސްލާއި، ރަހަތައް އެއްކޮށްލުމުގައި ގެންގުޅުނު ފަލްސަފާ މެހުމާނުންނަށް ކިޔައިދީފައިވެއެވެ.
LOTİ އަކީ ރަޝިޔާގެ އެންމެ ޕްރީމިއަމް ޓްރެވަލް އެންޑް ޓޫއަރ އޮޕަރޭޓަރަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އަދި ދިވެހިރާއްޖޭގެ އިތުރުން އެކި ފަތުރުވެރި މަންޒިލްތަކުގެ އެންމެ ހައި-އެންޑް ހޮލިޑޭ ތަޖުރިބާތަކަށް ހާއްސަ ކުންފުންޏެކެވެ. މި ކުންފުނިން ލަގްޒަރީ ޓުއަރތަކާއި، އެކްސްކްލޫސިވް އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ޗާޓަރ ފްލައިޓްތަކާއެކު އެކި ލަގްޒަރީ ކެމްޕެއިންތައް ކުރިއަށް ގެންދެއެވެ.
ރަޝިޔާ މާކެޓްގައި ދިވެހިރާއްޖެއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާކަން 2025-2026 ވަނަ އަހަރުގެ "ލޯޓީ" ގެ ތަފާސްހިސާބުތަކުން ވެސް ފާހަގަކޮށްފައި ވެއެވެ. "ލޫޖޯ ބްލެކްޖެޓް" ބިޒްނަސް ލައިނާގައި ދިވެހިރާއްޖެ ކުރާ ދަތުރުތަކަށް އޮތް ޑިމާންޑް ކުރީ އަހަރާ އަޅާބަލާއިރު ތިން ގުނައަށް އިތުރުވެފައިވާއިރު، ފްލައިޓްތަކުގެ 98 އިންސައްތަ ވަނީ ސީޓްތައް ވިކިފައި ކަމަށް ވީއެމްސް އިން ބުނެއެވެ.
މި ސީޒަނުގައި 6,400 އަށްވުރެ ގިނަ ސީޓް ވިއްކާފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 1.8 ގުނަ އިތުރު އަދަދެއްކަން ވީއެމްސްއިން ވަނީ ފާހަގަކޮށްފައެވެ. ލޮޓީއިން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އާ އަހަރުގެ ބަންދާ ދިމާކޮށް ކަމަށެވެ, މިގޮތުން އެ ދުވަސްވަރު ފްލައިޓްތަކުގެ ފުރިފައިވާ މިންވަރު (load factor) ވަނީ 110 އިންސައްތައަށް އަރާފައެވެ.
2026-2027 ގެ ފިނި މޫސުމަށް މިހާރުވެސް 20 އިންސައްތަ ބުކިންސް ހަދާފައިވާއިރު، މިއީ ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖެއަށް އޮތް މަގުބޫލުކަން ދައްކައިދޭ ކަމެއް ކަމަށް ލޮޓީއިން ވަނީ ފާހަގަކޮއްފައެވެ.