ދުންފަތާ މެދު ހޭލުންތެރިވެ، އަމިއްލަ ނަފުސު ދުންފަތުން ސަލާމަތްކުރުމުގެ ޖިހާދެއް، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަރާތަކުން ވެސް އާ ޢަޒުމަކާއެކު ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކު އަތޮޅު، މުލަކު ސްކޫލު ހޯލުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ފެށެނީ ދުންފަތާ ދުރުހެލިވުމުގެ ޚާއްޞަ ޤައުމީ ކެންޕޭނެއް ކަމަށާއި، މިއީ ނަތީޖާ ފެންނާނެ ހެޔޮ މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ކެންޕޭނުން، މިއަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރުގައި ބާރުއަޅާ ކަންކަމަށް ޚާއްޞަ އިސްކަމެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މި މޭރުމުން އެކަމަނާ ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެކަމަށް ހިތްވަރުދޭ ގޮތަށް މަގުފަހިވެފައިވާ ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، މި ބޮޑު ޤައުމީ މައްސަލައިން ދިވެހި ޤައުމު ސަލާމަތްކުރުމަށް، ހުރިހާ ދިވެހީން އަތުގުޅާލުމަށް ގޮވާލައްވާފައެވެ. އަދި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. ހަމަމިއާއެކު، ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތްކުރެއްވުމުގައި ވިޔަފާރިވެރީން އިސްނެންގެވުމަށްވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، "އެންޓި ޓޮބޭކޯ ކެމްޕެއިން، ދެން ހުއްޓާލަމާ"ގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި 31، 2026 ގައި އިޢުލާންކޮށް، މިއަދު ރަސްމީކޮށް އިފްތިތާޙްކުރެވުނު 5 އަހަރު ދުވަހުގެ ޤައުމީ ކެމްޕޭނެކެވެ.