މ. މުލަކުގައި ތަރައްޤީކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީގެ އިތުރުން އެރަށު ކައުންސިލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ، 2008 ވަނަ އަހަރު ބިންގާ އަޅާފައިވާ ތަނެކެވެ. އެހެންނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ވަނީ ގޮސްފައެވެ. އެކިފަހަރުމަތިން އެ މަސައްކަތް އެކި ފަރާތްތަކާއި ޙަވާލުކޮށް އެކަމުގެ އަމަލީ މަސައްކަތް ވަނީ ނުފެށިފައެވެ.

އެރަށުގެ ޒުވާނުންގެ އެދުމުގެ މަތިން އަހަރެއްހާ ދުވަސްތެރޭގައި ޒަމާނީ ފެންވަރަށް މި އެފްއާރުސީގެ މަސައްކަތް ނިންމައި މިއަދު ހުޅުވާފައިވަނީ ފުރިހަމަ ވަސީލަތްތަކާއެކު ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނެއެވެ. މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

މ. މުލަކުގައި ތަރައްޤީ ކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ގާލެން ބިލިއާރޑް، ޓޭބަލް ޓެނިސް އަދި ކެރަމް ކުޅެވޭނެއެވެ. މިތަނުގައި 2 ބެޑްމިންޓަން ކޯޓާއި، 2 ވޮލީ ކޯޓާއި، ފާހާނާއާއި އޮފީސް ރޫމެއްގެ އިތުރުން އިންޑޯ ޖިމެއް ވަނީ ތަރައްޤީ ކޮށްފައެވެ.