ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރައްވާނެ ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ހަވަނަ ބައްދަލުކުރެއްވުމުގައި މުންދު ވިދާޅުވީ ބީއެމްއެލްއާ ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ފިޔަވާ އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވި ޑިޒައިންގެ ކުރެހުންތައް ނިމިފައިވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާ ހިސާބަށް މިހާރު ދެވިފައިވާ ކަމުގައި އިސް ތަރުޖަމާނު ވިދާޅުވިއެވެ.

އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި، ޢިމާރާތެއް ނުވަތަ މަޝްރޫޢެއް ނުވަތަ ދާއިރާއެއްގެ ގޮތުގައި ތަރައްޤީ މިނެކިރެމުން ދިޔަނަމަވެސް، މީހުން ބިނާކުރުމަކީ އަޅުގަނޑުމެންނަށް ދޫކޮށްލާފައި ދެވޭނެ އެންމެ ވަރުގަދަ ލެގަސީކަން ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ގާބިލުކަން އެބަހުރި އަދި މިއަށްވުރެ އިތުރުކުރަން، މިހާރު މި ހަވާލުކުރެވުނީ 3260 އިމާރާތްކުރަން، އަދި އިތުރު 710 ޔުނިޓް އިމާރާތްކުރަން އެބަ ހަވާލުކުރެވޭ ބޭންކާ، އޭގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްދަނީ ކުރިއަށް، އެހެންވީމަ ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް

ދިވެހި ވަޠަނީ ޚިދުމަތަކީ އެމަނިކުފާނު އެކަމަކާ މިސަރުކާރާމެދު އެންމެ ފަޚުރުވެރިވާ އެއް ކުރިއެރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

1052 ހަމަވެއްޖެ، ވައުދު މުދިއްޖެ. ކޮންމެހެން ވައުދު ފުއްދުމެއް ނޫން މީގައި މުހިންމު ކަމަކީ މަދު ވެގެން 1000 ކުދިން ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ވަތަނީ ހިތުމަތުގެ ތެރެއިން އިރާދަ ކުރެވިއްޔާމު ތަމްރީނުކުރުން

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް

ދިވެހި ވަޠަނީ ޚިދުމަތުގައި މިހާތަނަށް، ފުރަތަމަ ބުރުގައި 1،244 ފަރާތަކުން ކުރިމަތިލައި 350 ފަރާތަކުން ކާމިޔާބު ކަމާއެކު ނިންމައި، މީގެތެރެއިން 65 ފަރާތަކުން ސްކިލްސް ޓްރެއިނިންގ ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ދެވަނަ ބުރުގައި އިތުރު 350 ފަރާތަކުން ކާމިޔާބު ކަމާއެކު ތަމްރީނު ނިންމައި، މީގެތެރެއިން 75 ފަރާތަކުން ސްކިލްސް ޓްރެއިނިންގ ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރަކަށް 1،785 ފަރާތަކުން ކުރިމަތިލައި އޭގެތެރެއިން 352 ފަރާތަކުން ކާމިޔާބު ކަމާއެކު ވަނީ މި ޕްރޮގްރާމް ފުރިހަމަ ކުރައްވާފައެވެ. އެގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ ޓްރެއިނިންގ މިހާތަނަށް މުޅި ޖުމްލަ 1،052 ފަރާތަކުން ފުރިހަމަކޮށް، ދެ ބެޗެއްގައި 140 ފަރާތަކުން ސްކިލްސް ޓްރެއިނިންގ ވަނީ ފުރިހަމަކޮށްފައެވެ.