މާލޭގެ މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓިޖެއެވެ.

ވީނިއުސްއިން ފުލުހުންގެ މީޑިއާ އޮފިޝަލަކާއި ސުވާލު ކުރުމުން ވިދާޅުވީ މަޖީދީމަގުގައި ހަދަމުންދާ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 13:53 އެހައިކަންހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށި ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ދެ މީހުން ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެއީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.