ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާއިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވަމުން އަންނަ "ޕްރެސް ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަންޖެހެނީ އިގްތިސާދީ ހަރަކާތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ބުރަ ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.
އަސާސީ ކަންތައްތައް ހުއްޓާލައިގެން މާލިއްޔަތު ރަނގަޅު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މާލިޔަތު ރަނގަޅު ކުރަމުން އިޤްތިސާދު ރަނގަޅު ކުރަންޖެހޭ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޭރުގެ ދަރަނި (އެކްސްޓާނަލް ޑެޓް) އަދި އެތެރޭގެ ދަރަނި (ޑޮމެސްޓިކް ޑެޓް) އާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުން މެނޭޖް ކޮށްގެން ރިޒަލްޓް ވަރަށް ފައްސޭހައިން ދެއްކޭނެ އެއްޗެއް ކަމަށެވެ.
މުންދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދިޔައި އެކްސްޓާނަލް ޑެޓް ރަނގަޅު ކުރުމަށް ކަމަށެވެ. އެކްސްޓާނަލް ޑެޓް ދީފޯލްޓްއަކަށް ދިޔައިމަ މި އަންނަ ކޮންސިކުއެންސެސް މާ ގޯސް ކަމަށާއި ޑޮމެސްޓިކް ޑެޓްގައި ޑިފިކަލްޓީ ހުންނަންޏާމު އެންމެ ބޮޑު ވަރަކަށް ކުރިމަތި ވާނެ ކަމަކީ ޕީއެސްއައިޕީ ކަހަލަ މަޝްރޫއު ތަކަށް އެލޮކޭޓް ކުރަންޖެހޭ ފައިސާ އުނިވުން ކަމަށް މުންދު ވިދާޅުވިއެވެ.
ބޭރުގެ ބައެއް މާލީ އިދާރާތަކުން ހަރަދު ކުޑަކުރުމަށް ލަފާދިން ނަމަވެސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެތެރޭގެ ދަރަނި ކުޑަކުރުމުގެ ގޮތުން ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައިވެސް، އެންމެ ބޮޑުވަރަކަށްވެސް އުނި ވާނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.