ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމް ކައިރި މުސްތަޤްބަލެއްގައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި މުންދު ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ އާއްމުންނާއި ރައީސް ބައްދަލުކުރައްވަމުންދާ ކަމަށާއި، ނަމަވެސް އައު ޕްރޮގްރާމެއްގެ ބޭނުމަކީ މިހާރަށް ވުރެ ފުޅާ ފުރުސަތުތަކެއް އާއްމުންނަށް ހޯދާދިނުން ކަމަށެވެ.
އޭގެ އުސޫލުތަކުގެ ފުރަތަމަ ދެލި ކޮޕީ މިހާރު ވަނީ އެކުލަވާލާފައިވާ ކަމަށް މުންދު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އުސޫލުތައް ފައިނަލްކުރުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށާއި، އެކަން ނިމުނުހާ އަވަހަކަށް އާންމުންނަށް ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކިވަކިން ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފުރަތަމަ ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ވިދާޅުވީ، ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާއި ބޭރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެމަނިކުފާނާ ސީދާ ބައްދަލުނުކުރެވޭ ހާލަތްތަކުގައިވެސް ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތައް ބައްލަވަމުން ގެންދަވާ ކަމަށެވެ.