ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީއަކީ ޑިމޮކްރަސީގެ ގޮތުން ބަލާއިރު މާބޮޑު ތަފާތެއް ނެތް ދެ ޕާޓީ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގައި މިވަގުތު ޒިންމާދާރު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން ނޫސްވެރިއަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ، ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީއަކީ ސިޔާސީ ފިކުރާއި ހިންގުމުގެ ގޮތުން ބަލާއިރު ގާތްގަނޑަކަށް އެއްގޮތް ދެ ޕާޓީ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް މި ދެ ޕާޓީއަކީވެސް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އެއް ހިސާބެއްގައި މަސައްކަތް ކުރާ ދެ ޕާޓީ ކަމުގައި ފާހަގަކުރައްވައި މުންދު ވިދާޅުވީ، ދެ ޕާޓީގެ އަސާސްތަކަށް ބަލާއިރު، ޕީއެންސީގެ ނަން ތަފާތުވި ނަމަވެސް، ފިކުރީ ގޮތުން އެމްޑީޕީއާ ދެމެދު މާ ބޮޑު ފަރަގެއް ނެތް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މީގެ ކުރިން ޕީއެންސީގެ ފިކުރުގެ ތެރޭގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ކަމަށް މުންދު ވިދާޅުވިއެވެ.
ޒިންމާދާރު ސިޔާސީ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ދެކޮޅު ހެދުމުގެ ބަދަލުގައި، ގައުމީ މަސްލަހަތު ހުރި ކަންކަމުގައި ދެ ފަރާތް އެއްބަސްވެވޭނެ ކޮމަން ގްރައުންޑެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރު ޒިންމާދާރުކުރުވުމަކީ ހަމައެކަނި އިންތިހާބުތަކަށް އަމާޒުކޮށްގެން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވީ ސަރުކާރުން ކުރާ ހުރިހާކަމެއްގައި ދެކޮޅު ހެދުމަކީ ސިޔާސީ ޕާޓީއެއްގެ ޒިންމާދާރުކަމުން އުނިވާކަމެއް ކަމަށެވެ. އަދި ރައީސް އިޝާރާތްކުރައްވަމުން ގެންދަވަނީ އެކަމަށް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ސަރުކާރުން ކޯވިޑް-19 ގެ ދަތި ދަނޑިވަޅުގައި އެޅި ބައެއް ފިޔަވަޅުތަކަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތާއީދުކުރިކަން މުންދު ވަނީ ހަނދާންކޮށްދެއްވާފައެވެ. ނަމަވެސް، މިހާރު ފެންނަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ކުރާ ކޮންމެ ކަމަކަށް، އެކަށީގެންވާ ސަބަބެއް ބުނެދިނުމެއް ނެތި ފާޑުކިޔަމުންދާ މަންޒަރު ކަމަށް ވިދާޅުވެ، އޭނާ ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.