އޮޕްޓިކަލް ސައިންސްގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު "ޒައިސް"ގެ ރާއްޖޭގެ އެކްސްކްލޫސިވް "ޒައިސް ވިޝަން އެކްސްޕާޓް" އަކަށް އައިކެއަރ ހަމަޖައްސައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައިކެއަރ ހޮސްޕިޓަލްގައި، މި ޕާޓްނާޝިޕް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ އަލީ އެވެ. މި ހަފްލާގައިމިނިސްޓަރުވަނީ އައިކެއަރގައި ގާއިމުކުރެވިފައިވާ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ'ޒައިސް ވިޒުފިޓް'ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފަ އެވެ.
މިއީ 3ޑީސްކޭން ބޭނުންކޮށްގެން، އައިނު އިހްތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މީގެ އިތުރުން، ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައްވެސް މިހާރު އައިކެއަރ މެދުވެރިކޮށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
މިކަމާ ގުޅޭގޮތުން އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހިންނަށް ފޯރުކޮށްދިނުމަކީ އައިކެއަރގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޒައިސްގެ އާ އީޖާދުތަކާއެކު ތަފާތު ހިދުމަތެއް މި ޕާރޓްނާޝިޕާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޒައިސް އިންޑިއާގެ ހެޑް އޮފް ވިޝަން ކެއަރ، ރޯހަން ޕައުލް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުބާރު ހޯދާފައިވާ އައިކެއަރ އާއެކު މިފަދަ މަސައްކަތެއް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އައު އުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ޕާޓްނަރޝިޕް ރަސްމީކޮށް އިއުލާންކުރުމަށް ބޭއްވި ހަފްލާގައި ސިއްހީ ދާއިރާގެ ބޭފުޅުންނާއި، ވިޔަފާރިވެރިންގެ އިތުރުން މީޑިއާގެ ފަރާތްތަކަށް "ޒައިސް ވިޒުފިޓް" ޓެކްނޮލޮޖީގެ މަސައްކަތްތައް ވަނީ ދައްކާލާފަ އެވެ.
އައިކެއަރ އިން ބުނީ މި ޕާޓްނަރޝިޕަކީ ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ލޮލުގެ ފަރުވާ އާއި ޒަމާނީ ލެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން، ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ، ދުނިޔޭގެ ފެންވަރުގެ "ޕާސަނަލައިޒްޑް" ހިދުމަތްތައް ދިވެހި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި އޮތް އައިކެއަރ އާއި ޒައިސްގެ މި އަމާޒަކީ، ރާއްޖޭގެ ރައްޔިތުންގެ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި އައިކެއަރ އިން ފާހަގަކުރެ އެވެ.