މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާ ވިޔަފާރި ކުރާ މީހުންގެ މައްސަލަ ފުލުހުންނާއި ކަސްޓަމްސާ ގުޅިގެން ހައްލު ކުރާނެ ކަމަށް ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ސަޕްލައި ރިޑަކްޝަނާއި، ހާރމާ ރިޑަކްޝަން ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެގޮތުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަޕްލައި ރިޑަކްޝަންއަށް ދިވެހި ރާއްޖޭގައި މިހާތަނަށް ނުކުރެވޭ ވަރަށް އެ ވުޒާރާއިން މަސަކަތް ކޮށްފައިވާ ކަމަށެވެ. އަދި ކުރެވުނު ބޮޑެތި މަސައްކަތްތަކުގެ ނަތީޖާ، ކުރިއަށް އޮތް ހަމަހާ އެއް އަހަރާ ދެމެދުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގައި ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހި ރާއްޖޭގައި މަތުވާތަކެތީގެ މައްސަލަތަކަކީ ކުރިޔަށް އޮތްތަނުގައި ކުރަން ޖެހިލުންވާ ކަމެއްގެ ގޮތުގައި ހެދުމަށް ގިނަ މަސަކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އަދަބަކީ މަރުގެ އަދަބު ކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި، މަރުގެ އަދަބު ތަންފީޒު ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަށް ގެނައުމަށް ފައިނަލް ޑްރާފްޓެއް އެޓާނީ ޖެނެރަލްގެ އޮފީހުން ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއަށް ފޮނުވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންނަ އޯގަސްޓު މަހުގެ ތެރޭގައި އެކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.