އޮސްމާން ޑެމްބެލޭ ފުރަތަަމަ ހާފުގައި ހެދި ހެޓްރިކާއެކު 4-1 އިން ނޯވޭ ބަލިކޮށް ފްރާންސުން ގްރޫޕް އައިގެ އެއްވަނަ ހޯދައިފި އެވެ.
މި މެޗަށް ނުކުތްއިރު ވެސް ފްރާންސް އާއި ނޯވޭއަށް ވަނީ ދެވަނަ ބުރުގެ ޖާގަ ޔަގީންވެފަ އެވެ. ރޭގެ މޮޅާއެކު، ފްރާންސުން ނުވަ ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނަ ހޯދިއިރު، ނޯވޭއަށް ދެވަނަ ލިބުނީ ހަ ޕޮއިންޓާއެކު އެވެ.
ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ ޕީއެސްޖީގެ ތަރި އޮސްމާން ޑެމްބެލޭ އެވެ. އަދި 20 ވަނަ މިނެޓުގައި ޑެމްބެލޭ ދެވަނަ ލަނޑު ޖެހި އިރު، މި ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ.
މި ލަނޑު ޖެހިތާ މިނެޓެއްވެސް ނުވަނީސް، ނޯވޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ ތެލޯ އަސްގާޑް އެވެ.
އެންމެ ފަހުން ބެލަންޑޯ އެވޯޑް ވެސް ހޯދި ޑެމްބެލޭ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 32 ވަނަ މިނެޓުގައި އޮރެލިއަން ޗުއަމެނީ ދިން ބޯޅައަކުންނެވެ. މި ތިން ލަނޑާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ޑެމްބެލޭ އެވެ. މިއީ އޭނާ ބޮޑު މުބާރާތެއްގައި ފްރާންސަށް ހަދައިދިން ފުރަތަމަ ހެޓްރިކް ކަން ފާހަގަކޮށްލެވެ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ފްރާންސްގެ ލޫކަސް ހެނާންޑޭޒް ކުރި ފައުލަކަށް ނޯވޭއަށް ޕެނަލްޓީއެއް ދިން ނަމަވެސް، ޖޯގަން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ މަތަކޮށްފަ އެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ފްރާންސްގެ ހަރަތު ވަނަ ލަނޑު ޖަހައިދިނީ ޕީއެސްޖީގެ ޒުވާން ފޯވާޑް ޑެޒިރޭ ޑުއޭ އެެވެ.
ޑެމްބެލޭގެ މި ހެޓްރިކަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު ތިން ވަނަ ހެޓްރިކެވެ. އަނެއް ދެ ހެޓްރިކް ހެދީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ކެނަޑާގެ ޖޮނަތަން ޑޭވިޑް އެވެ.
ގްރޫޕް އައިގެ މެޗުތައް ނިމުނު އިރު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ސެނެގާލްއަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ ކަމެއް އަދި ޔަގީނެއް ނުވެ އެވެ. އަދި މި ގްރޫޕްގައި ދެން ހިމެނުނު އިރާގު ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފަ އެވެ.