އިސްލާމީ ކަންތައްތަކާއި، އައުގާފާ ބެހޭ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ހަތީބުން ބިނާކުރުމާއި، 500 ހާފިޒުން އުފެއްދުން ކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒުވާން ހަތީބުން ތަމްރީން ޕްރޮގްރާމުގެ 4 ވަނަ ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކޮށްފައިވާ އިރު، މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަގްސަދަކީ ރާއްޖޭގެ ރަށްތަކުގައި ހުތުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ގަރުނުގައި ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުންކަމަށް ކަމަށެވެ.

މީގެ އިތުރުން ޒުވާން ހަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަމަށާއި، ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުރްއާން ހިތު ދަސްކުރާ ޕްރޮގްރާމް ފުޅާކޮށް ކްލާސްތައް އިތުރުކޮށްފައިވާއިރު، މި ވަގުތު 2000އަށް ވުރެ ގިނަ ދަރިވަރުން ހިފްޒު ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވަނީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ހަތީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުން ކަމަށް ވިދާޅުވެފަ އެވެ.

ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ހަތީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ.

މީގެ އިތުރުން، ޒުވާން ހަތީބުންނާއި އިމާމުންނާއި ހާފިޒުންނަށް ހާއްސަ މަހާސިންތާ އެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅުވައިގެންނެވެ. މި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ހަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީއަށް ވަނީ ދައުވަތު ދެއްވާފައެވެ.