ޒިންމާދާރު އިދިކޮޅެއް އޮތުމަކީ ސަރުކާރުގެ އަމަލުތަކަށް އިހުތިޖާޖު ނުކުރުން ތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސުވާލު އުފައްދަވައިފިއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ، ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޒިންމާދާރު އިދިކޮޅެއް ނެތްކަމަށް ސަރުކާރު ހިންގާމައި ޕާޓީ ޕީއެންސީ އަދި ރައީސް ޑރ. މުހައްމަދު މުއިޒު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

" ޒިންމާދާރު އިދިކޮޅު ޕާޓީއެކޭ އެބޭފުޅުން އެ ވިދާޅުވަނީ، އެބޭފުޅުން ބޭނުންހާ ގޮތެއްހަދާއިރުގަ ހަމަ އެކަނި އެއްޗެއް ބުނެލާފަ ތިބުންތޯ؟ ނޫނިއްޔާމުން އެއްވެސް ގޮތަކަށް އެބޭފުޅުންގެ އަމަލުތަކަށް އަޅުގަނޑުމެން އިހުތިޖާޖު ނުކުރުންތޯ؟ އެއީ ކަންނޭގެ އެ ވިދާޅުވާ ވާހަކަ އަކީ"

ފައްޔާޒް އިސްމާއިލް

ފައްޔާޒް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރީތިކޮށް ވެސް ވާހާކަ ދައްކަވާފައި ވާނޭ ކަމަށާއި، މި ސަރުކާރު ވެރިކަމާ ހަވާލުވެގެން އައި އިރު ސަރުކާރު ރީތިކޮށް ހިންގުމަށް ރައީސް މުއިއްޒަށް ޖާގަ ވެސް ދެއްވި ކަމަށެވެ.

"އެކަމަކު ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގެނައި މަޖިލީހުން ގާނޫނީ އިމުގެ ތެރެއިން، އަޅުގަނޑުމެންނަށް އެ މަނިކުފާނު ކުރައްވާ ކަންކަން ހުއްޓުވުމެ ބާރު ނެތުނީމާ އެ މަނިކުފާނަށް ވެސް ހީފުޅު ކުރެއްވީ ބޭނުން އެއްޗެއް ތިމަންނާޔަށް ހެދޭނޭ."

ފައްޔާޒް އިސްމާއިލް

އެމްޑީީއާ ދޭތެރޭ ދެރަވަރުކޮށް ސަރުކާރުން ވާހަކަ ދައްކަވަމުން އަންނަކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީއަށް އޮތް ގޮތަކީ އެކަން ކަމަށް އިހުތިޖާޖު ކުރުން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ އެތެރޭގެ ހަމަ ނުޖެހުންތައް ދާދި ފަހަކާ ޖެހެންދެން ހުރުމުން އިހުތިޖާޖު ކުރުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ފައްޔާޒް ފާހަގަ ކުރެއްވިއެވެ. އަދި ގިނަ ގޮންޖެހުން ތަކަކަށް ފަހު ޕާޓީގެ އެންމެން އެކަތި ގަނޑަކަށް މިހާރު ވެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ޒިންމާ ދާރު އޮޕޮޒިޝަން އަކީ ކޮބައިތޯ؟ އެ ސުވާލުގެ ޖަވާބު އަޅުގަނޑު ފުރަތަމަ ބޭނުންވޭ ރައީސް މުއިއްޒުގެ ފަރާތުން"

ފައްޔާޒް އިސްމާއިލް

ޕީއެންސި އިން ބައެއް ބޭފުޅުން އިދިކޮޅުގައި ޒިންމާދާރު އޮޕޮޒިޝަނެއް ނެތުމަކީ ދެރަކަމެއް ކަމަށް ވިދާޅުވާ ވާހަކަ އަޑުއައްސަވާކަން ފާހަގަކުރައްވާ ފައްޔާޒު ވަނީ އެ ވިދާޅުވާ ޒިންމާދާރު އޮޕޮޒިޝަން ޕާޓީއަކީ ކޮބައިތޯ ތަކުރާރުކޮށް ސުވާލު އުފައްދަވާފައެވެ.

ފައްޔާޒު ވިދާޅުވީ، ޒިންމާދާރު އޮޕޮސިޝަން ޕާޓީއަކީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ވެރިކަން ކުރައްވަން ތިއްބަވާ ބަޔަކު ގާނޫނު އަސާސީއާ ހިލާފުވާނަމަ ނުވަތަ ރައްޔިތުންނާ އިދިކޮޅަށް ރައްޔިތުންނާ ހިލާފުވެ ކޮރޮޕްޝަނުން ފުރިގެންވާފަދަ ގޮތަކަށް އަމިއްލަ މުދާ ގަނޑެއްހެން ސަރުކާރުގެ ބަޖެޓު ބޭނުން ގޮތަކަށް ބޭނުން ކުރަމުން ދާއިރު ވީ ގޮތަކުން އެކަމަށް އިހުތިޖާޖު ކުރުން ކަމަށެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ، އެކަންކަން ހުއްޓުވުމަށް ރީތި ގޮތުގައި ވިޔަސް ހުތުރު ގޮތެއްގައި ވިޔަސް އިހުތިޖާޖު ކުރައްވައި އެ އަމަލުތަށް ހުޓުވުމަށް މަސަކަތް ކުރެވެން އޮތް ގޮތަކަށް މަސަކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ސަރުކާރު މިހާރު ހިންގަވަނީ ގާނޫނު އަސާސީއާ އެއްގޮތަށް، ގައުމަށް ރަނގަޅުގޮތް ހޯދުމަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.