ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ޤަވާއިދު އެކުލަވާލާ، އާންމުކޮށްފިއެވެ.

މިހާރު ގެޒެޓުކޮށްފައިވާ އެ ގަވައިދު މިއަދުން ފެށިގެން ތަންފީޒުކުރާނެއެވެ.

މި ޤަވާއިދަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މިންކޮށް، ދަފުތަރުކޮށް އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރު ކުރުމާއި ގުޅޭ އިދާރީ އިންތިޒާމުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ޤަވާއިދެކެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ތަންފީޒު ކުރާ ޤަވާއިދު އެކުލަވާލާފައި ވަނީ ޤާނޫނު ނަމްބަރު 9/2021، ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ 22 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ޤާނޫނުގެ 25 ވަނަ މާއްދާގެ 'ހ' އިން ބާރުލިބިގެންނެވެ.

މި ޤަވާއިދަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މިންކޮށް ބެލެހެއްޓުމާއި، ދަތުރުފަތުރުކުރުމާއި އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދާ އެއް އިދާރާއިން އަނެއް އިދާރާއަށް އެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ކުރާނެ އެކި މަރުހަލާތައް ބަޔާންކުރުމާއި، އެ މަސައްކަތް ބައްޓަން ކުރާނެ ގޮތް ހާމަކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ޤަވާއިދެކެވެ.

ހަމައެހެންމެ އެކަމާއި ގުޅޭ އިދާރީ އިންތިޒާމުތައް ކަނޑައެޅުމާއި، ރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ހުށަހަޅަން ޖެހޭ ރިޕޯޓުތައް އެކުލަވާލާ ތައްޔާރުކުރުމަށް ބޭނުންވާ ރާއްޖޭގެ ވިހަ ގޭހުގެ ހާލަތު ދެނެގަންނަން ބޭނުންވާ މައުލޫމާތު އަދާހަމަކުރާނެ މަގު ފަހިކުރުމަކީވެސް މި ޤަވާއިދުގެ މަޤްސަދެެކެވެ.

މި ޤަވާއިދުގައި ބުނެފައިވާ ގޮތުން މައުލޫމާތު އެއްކުރުމަކީ، ޤަވާއިދުގެ މަސްލަހަތުވެރިން ކުރަންޖެހޭނެ ކަމެކެވެ.

މިގޮތުން މަސްލަހަތުވެރިންގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، ޔުޓިލިޓީ ޚިދުމަތްދޭ ތަންތަން، ކަސްޓަމްސް ސަރވިސް، ސިނާޢީ ދާއިރާާއާއި މެނުފެކްޗަރިން ދާއިރާގެ އެންމެހާ ފަރާތްތައް، ރެފްރިޖަރޭޝަން ސިސްޓަމްތަކާއި އެއާ ކޮންޑިޝަން ސަރވިސްކުރާ ފަރާތްތައް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އެއަރޕޯޓުތައް ހިންގާ ފަރާތްތައް، ކަނޑާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް، ރާއްޖެއަށް ހަކަތައިގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކާއި، އެފަދަ ތަކެތި އުފައްދާ ފަރާތްތަކާއި، ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހިމެނެއެވެ.