ފުވައްމުލައް ސިޓިގައި ގާއިމް ކުރި ކީިތި ޤުރުއާނާއި ބެހޭ މަރުކަޒު ރަސްމީ ކޮށް ހުޅުވައިފިއެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނޭނެ ކަމަށެވެ.

އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފުވައްމުލައް ސިޓީގައި ގާއިމް ކުރެވިގެންދިޔަ ޤުރުއާނާއި ބެހޭ މަރުކަޒު ގައި ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އެ ސިޓީގައި އިތުރު ކުރާނެކަމަށާއި އަދި މުދައްރިސުންގެ އަދަދުވެސް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިހާރު 16 ޤުރުއާން މަރުކަޒެެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.