މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް ޑިޖިޓަލް ކުރުމުގެ ގޮތުން "ހާބަރ ޕޯޓަލް" ގެ ނަމުގައި އައު ޕްލެޓްފޯމެއް ތަޢާރަފުކޮށްފި އެވެ.

އެމްއޭސީއެލްއިން ބުނީ، މި ޕްލެޓްފޯމްގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓުންނާއި ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދުގެ ގުޅުން ބަދަހިކުރެވި ދެ ފަރާތަށްވެސް ހިދުމަތްތައް ލުއިފަސޭހަވެގެން ދާނެ ކަމަށެވެ.

އެގޮތުން، ފުރަތަމަ މަރުހަލާގައި އިސްކަންދޭނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި ޕޯޓަލް ބޭނުންކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށްވާއިރު، އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް އެމްއޭސީއެލްއިން ވާނީ ކުރިއަށް ގެންގޮސްފައެވެ. ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މަރުހަލާ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

މި މަޝްރޫޢުގެ ފަހު މަރުހަލާގައި ހާބަރ ޕޯޓަލް ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގެ ހިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެ އެވެ.

އެ ކުންފުނިން ބުނީ، "ހާބަރ ޕޯޓަލް"ގެ ނަމުގައި ތަޢާރަފުކުރި މި ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމާގުޅޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުންކަމަށެވެ.

މި ޕޯޓަލް މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެމްއޭސީއެލްއަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.