‎އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް، ދިރިއުޅުމުގެ ކޮންމެވެސް ‎ހިސާބަކުން ނަފްސާނީ އެހީތެރިކަމަށް ބޭނުންވެދާނެ މީހެކެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިވުމުގެ ވާހަކަ މިއަދު ދިވެހިރާއްޖޭގައި ވަރަށް ބާރަށް އެބަދެކެވެއެވެ. "އެހީއަށް އެދޭށޭ" ބުނާ އަޑު ކޮންމެ ދިމާލަކުން ވެސް އިވެއެވެ. އެކަމަކު، ހަގީގަތުގައި އެހީއަށް އެދި އަތްދިއްކޮށްލުމުން، ސަލާމަތުގެ އަތެއް ލިބޭ ބާވައެވެ؟ ނޫނީ ދާންޖެހެނީ އިތުރު އަނދަވަޅަކަށް ބާވައެވެ؟

އެތައް ޒަމާނަކަށް ފަހު މި ސަރުކާރުން ވަނީ ނަފްސާނީ ކުއްލި ހާލަތުގައި ގުޅުމުމަށް ހެލްޕްލައިނެއް ތައާރަފްކޮށްފައެވެ. 1677 ވެގެންދިޔައީ ގިނަބަަކަށް އުންމީދަކަށެވެ. ‎

ނަމަވެސް، ކޮންމެހެން އެހީތެރިކަން ބޭނުންވެގެން، ހިތްފަޅައިގެންދާާ ފަދަ ދަނޑިވަޅެއްގައި ގުޅާލާ މީހާއަށް ގިނަ ފަހަރަށް ކުރިމަތި ލާންޖެހެނީ ނާއުންމީދާއެވެ. ދާދިފަހުން ރައްޓެއްސަކު ހާސްވެެގެން އެނަންބަރަަށް ގުޅިއެވެ. އެތައް އިރަކު ކިިއުގަ އިނުމަށް ފަހު ނުތަނަވަސް ކަމާއެކު ވާހަކަ ދެއްކުމުން، އެހީދޭން އިން ފަރާތުން ފެެށީ ދެބަސްވުމެކެވެ. ޕްރޮފެޝަނަލްކަމެއް ނެތް، ތަމްރީނެއް ނެތް ފަދަ ވާހަކަތަކެކެވެ. ހިތުގެ އުދާސްތައް ބޭރުކޮށްލަން ގުޅާލާ މީހާ، ފޯނު ބާއްވަން ޖެހެނީ ކުރިއަށްވުރެ ބޮޑަށް މާޔޫސްވެ، އެކަނިވެރިވެފައި ހުރެއެވެ. ދެދުވަސްމަތިން އެކި ވަގުތު ގުޅުމުުން ވެސް ދިމާވަނީ ހަމައެމީހާއެވެެ. ހާމަވީ ސްޓާފުން މަދުުކަމެވެ. މީހުން ތަމްރީނުކުރަން ޖެހިފައިވާކަމެވެ.

‎ނަފަސާނީ ބަލިިމަަޑޑުކަމުގެެ ހިތްދަތިކަމުން ސަލާމަތްވާން ސަރުކާރު ހޮސްޕިޓަލަކުން ސައިކޮލޮޖިސްޓަކަށް ނުވަތަ ސައިކެޓްރިސްޓަަކަށް ދައްކަން ނަން ނޯޓުކޮށްފިނަމަ، ޖެހެނީ އެތައް ހާސް ނަންބަރެއްގެ ފަހަތުގައި، އެތައް މަހެއް ވަންދެން ކިއޫގައި ހުންނާށެވެ. ނަފްސާނީ ބަލިމަޑުކަމަކީ ކިއޫގައި މަޑުކުރާ އެއްޗެއްހެއްޔެވެ. ދެން އޮތް ގޮތަކީ އަމިއްލަ ކްލިނިކްތަކެވެ. އެތަންތަނުގެ ފީތައް ހުރީ އާންމު ރައްޔިތަކަށް އަތްފޯރާ ފަށެއްގައެއް ނޫނެވެ. ޖީބުން އެތައް ހާސް ރުފިޔާއެއް ޙާރަދުކޮށްގެން ހަދާ އެސެސްމަންޓްތަކުގެ އިތުބާރެއް ވެސް ނޯވެއެވެ. އެކި ކްލިނިކުން ދެނީ އެކި ނަތީޖާއެވެ. މިއީ ވިޔަފާރިއެއް ބާވައެވެ؟ ނޫނީ ފަރުވާއެއް ބާވައެވެ؟

‎ހޭލުންތެރިކަން އިތުރުކުރުމަކުން އެކަނި ނަފްސާނީ ބަލިތަކަކަށް ފަރުވާއެއް ނުލިބޭނެއެވެ. އަހަރެމެންނަށް މިއަދު ބޭނުންވަނީ ހަމައެކަނި ގުޅާލާނެ ނަންބަރެއް ނޫނެވެ. ބޭނުންވަނީ ހަރުދަނާ، އަތްފޯރާ، އަދި އިތުބާރު ހުރި ނިޒާމެކެވެ. ހަގީގީ ޕްރޮފެޝަނަލް މީހުންނެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު، އެހީއަށް އެދި ރޮއިގަންނަ އަޑުތައް ހަމަ އަސްލަށްވެސް އަހާނެ ފަރާތްތަކެއް މި ގައުމަށްް މިއަދު ވަނީ ނުހަނު ބޭނުންވެފައެވެ.