ކޮންމެ އަހަރެއްގެ ޖޫން މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ، ބައިނަލްއަގުވާމީ މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުވުމާއި، އޭގެ ނާޖާއިޒު ވިޔަފާރިއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. މަސްތުވާތަކެތީގެ ވަބާ އަކީ ރާއްޖެ އަދި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަށް ވެފައި ވީއިރު، މި ދުވަހަކީ މަސްތުވާތަކެތީގެ ނުރައްކަލާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމަށާއި، މަސްތުވާތަކެތީގެ ވަގުފާރީގެ ސަބަބުން ދުނިޔެއަށް ކުރާ ނޭދެވޭ އަސަރުތަކަށް ސަމާލުކަން ގެނައުމަށް އދ. އިން ކަނޑައަޅާފައިވާ ދުވަހެކެވެ. މި ދުވަހަކީ، ވަކިން ހާއްސަކޮށް ޒުވާނުން، ދުޅަހެޔޮ ދިރިއުޅުމެއް އިހްތިޔާރުކުރުމުގެ މުހިންމުކަމާއި، މަސްތުވާތަކެތިން ދުރުހެލިވުމަށް ބާރުއެޅުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މީގެ އިތުރުން، މިއީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރެވޭނީ އާއިލާތަކާއި، ތައުލީމީ މުއައްސަސާތަކާއި، ސަރުކާރުގެ އިތުރުން އެކި ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަން ހަނދާންކޮށްދޭ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރުމުގެ މަގްސަދު

މަސްތުވާތަކެއްޗާ ދެކޮޅު ދުވަސް ފާހަގަކުރަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އިޖުތިމާއީ އަދި ސިއްހީ ގޮންޖެހުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މަސްތުވާތަކެތީގެ ސަބަބުން ދެވިހިފުމާއި، ޖިސްމާނީ އަދި ނަފްސާނީ އެކި ބަލިތަކާއި، އާއިލީ ގުޅުންތައް ރޫޅުމާއި، ކުށްކުރުން އިތުރުވުމުގެ އިތުރުން ލިބެންހުރި ފުރުސަތުތައް ގެއްލިގެންދެއެވެ.

ހަމަމިއާއެކު މަސްތުވާތަކެތީގެ ނާޖާއިޒު ވިޔަފާރީގެ ސަބަބުން އެކި ގައުމުތަކުގައި މާރާމާރީއާއި، ރޭވުންތެރިކަމާއެކު ހިންގާ ބޮޑެތި ކުށްތަކާއި، ހަމަނުޖެހުންތައް އުފެދެން މެދުވެރިވެއެވެ. މި ދުވަސް ފާހަގަކުރުމުން، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމުގެ މުހިންމުކަމާއި، މުޖުތަމައު ހިމާޔަތްކުރުމަށާއި، މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ދުނިޔޭގެ ފެންވަރުގައި ވިސްނާ ފިކުރުކުރުމަށް މަގުފަހިވެއެވެ.

މި ދުވަހުގެ ޝިއާރު އަދި ބައިނަލްއަގުވާމީ މަސައްކަތްތައް

ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމުގައި ބާރުއަޅަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިގޮތުން، ސަރުކާރުތަކާއި، ސިއްހީ ދާއިރާގެ މާހިރުންނާއި، ތަންފީޒީ އިދާރާތަކާއި، ސްކޫލްތަކުގެ އިތުރުން އިޖުތިމާއީ ޖަމިއްޔާތަކުން މަސްތުވާތަކެތިން ރައްކާތެރިވުމަށް ހިންގާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް ވަނީ ބާރުއަޅާފައެވެ.

ފަރުވާ އާއި އަލުން މުޖުތަމައުއަށް ނެރުމަށް ބޭނުންވާ ހިދުމަތްތައް އިތުރަށް ފުޅާކޮށް، މަސްތުވާތަކެތީގެ ނުރައްކަލާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. މައުލޫމާތު ފެތުރުމާއި، ޒިންމާދާރު ނިންމުންތައް ނިންމުމަށް ހިތްވަރު ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ތައުލީމީ ކެމްޕޭންތަކާއި، ސެމިނާރުތަކާއި، އާންމު މަޝްވަރާތަކުގެ އިތުރުން އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މިކަމުގައި އާންމު ފަރުދުންނަށް ކުރެވިދާނެ ކަންތައްތައް

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގައި ކޮންމެ މީހަކަށްވެސް އަދާކުރެވިދާނެ ދައުރެއް އޮވެއެވެ. ބެލެނިވެރިންނާއި މުދައްރިސުންނަށް މަސްތުވާތަކެތީގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ޒުވާނުންނަށް މައުލޫމާތު ދެވިދާނެއެވެ. އަދި ރައްޓެހިންގެ މެދުގައި ރަނގަޅު އާދަތަކާއި ސިއްހީ ގޮތުން ފައިދާހުރި ގޮތްތައް އިހްތިޔާރު ކުރުމަށް އެކަކު އަނެކަކަށް އެހީތެރިވެދެވިދާނެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމަށް ރަށްރަށުގެ ފެންވަރުގައި ތަފާތު ހަރަކާތްތައް ރޭވިދާނެއެވެ. މިފަދަ ފަރާތްތަކާ މެދު އިހާނެތިކޮށް ހިތުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދީ، ފަންނީ އެހީތެރިކަން ހޯދުމަށް ހިތްވަރު ދިނުމަކީ ގިނަ ބައެއްގެ ދިރިއުޅުން އުޖާލާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

ރާއްޖޭގައިވެސް މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ރައްކާތެރި ކުރުމަށް އެކި ކަހަލަ މަސައްކަތްތައް ކޮށްފައިވާ ކަން ފަހަގަކުރެވެ އެވެ. އެގޮތުން 300 އަށް ވުރެ ގިނަ މީހުން ވަނީ ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެން ވިޔަފާރި ކުރުމާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހަކީ، މި ވަބާގެ ސަބަބުން ފަރުދުންނަށާއި، އާއިލާތަކަށް އަދި މުޅި މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތައް ހަނދާންކޮށްދޭ މުހިންމު ދުވަހެކެވެ. އިއްޔެ ފާހަގަކުރެވުނު މި ދުވަހުގެ ހަރަކާތްތަކުން އެނގިގެންދިޔައީ، މަސްތުވާތަކެތީގެ ނުރައްކާ ކުޑަކުރުމަށްޓަކައި ތައުލީމާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ފަރުވާގެ އިތުރުން ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާ މިންވަރެވެ. އެންމެން ގުޅިގެން މަސައްކަތްކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައިފިނަމަ، މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވެފައިވާ، ހޭލުންތެރި އަދި ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމުގެ ފުރުސަތު މުޖުތަމައަށް ލިބިގެންދާނެއެވެ.