އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމަކީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ހާމަކޮށްދޭ ތަޞައްވުރެކެވެ. އަދި އެ ސިފައަކީ އިޙްތިރާމް ނުވަތަ ނަފްސުގެ އަގުވަޒަންކުރެވޭ ކަމުގެ އިޙްސާސެއް ކަމުގައި ވާއިރު، އެއީ ފަރުދުންގެ އަމިއްލަ ނަފްސާއި ބެހޭގޮތުން އުފެދޭ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ދިރިއުޅުމުގެ ބަދަލުވަމުންދާ މަރުޙަލާތަކާއެކު ބަދަލުވާ ވިސްނުމެކެވެ.
އަމިއްލަ ނަފްސަށް އިހުތިރާމް ކުރުމުގައި ޕްރީސްކޫލް އުމުރުފުރާއިން ފެށިގެން ސެކަންޑަރީ މަރުހަލާއާ ހަމައަށް ބެލެނިވެރިންނާއި، ޓީޗަރުން ނުވަތަ އާންމުކޮށް ވަށައިގެން ތިބި މީހުންގެ ފަރާތުން ލިބޭ ހެޔޮ ނުވަތަ ނޭދެވޭ ފާޑުކިޔުންތަކުގެ އަސަރު ކުރެއެވެ. އަދި އެ އުމުރުފުރާތަކުގައި އަމިއްލަ ނަފްސާމެދު ދެކޭގޮތާމެދު އެންމެ ބޮޑު ނުފޫޒެއް ފޯރާނީ ވަށައިގެންވާ މާހައުލާއި އެކުވެރިންގެ ޕްރެޝަރުގެ ސަބަބުންނެވެ.
ފުރާވަރުގެ ދުވަސްވަރު އަމިއްލަ ނިންމުންތައް ނިންމުމުގައި އަމިއްލަ ނަފްސަށް ކުރާ އިތުބާރުގެ އަސަރު އަދާ ކުރާ ދައުރު ބޮޑެވެ. ފަރުދެއްގެ ސިފަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ކުރާ އިޙްތިރާމް ތަރައްޤީކުރުމުގެ މުހިންމުކަން އުފެދެނީ އަމިއްލަ ނަފްސުގެ އިޙްތިރާމްގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނޭތީއެވެ. އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމަކީ ފަރުދަކަށް ހިތްވަރާއި އާ ކަންތައްތައް ތަޖުރިބާ ކުރުމުގެ ޤާބިލުކަން ލިބިގެންދާ ކަމެކެވެ. އަދި އެއީ އެ ފަރުދެއްގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ، ރަނގަޅު ކަންތައްތައް ހާސިލް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ބާރުއަޅާ ކަމެކެވެ.
އަމިއްލަ ނަފްސަށް އިޙްތިރާމް ދަށްވުމަކީ ޚާއްޞަކޮށް ކުޑަކުދިންގެ ޝަޚުޞިއްޔަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އަމިއްލަ ނަފްސަށް ކުރާ އިޙްތިރާމް އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ޕޮޒިޓިވް ވިސްނުން ތަރައްޤީކުރުމެވެ. މީގެ ތެރޭގައި އަމިއްލަ އަށް އަމިއްލަ މީހާއާމެދު ހެޔޮކޮށްދެކި އޯގާތެރިކަމާއެކު އަމަލުތައް ބެހެއްޓުން ހިމެނެއެވެ. އަދި އަމިއްލައަށް "ސަޕޯޓިވް ފްރެންޑަކަށް" ވާންޖެހޭ ކަންކަން ބަލައިގަތުމަށް އެހީތެރިވާން ޖެހެއެވެ. ހަމައެހެންމެ ތިމާގެ ނަފްސަށް ނެގެޓިވް ފާޑުކިޔުން ހުއްޓާލައި ކަންކަމާ މެދު ރަނގަޅަށް ދެކެންޖެހެއެވެ. މިކަމުގައި އެހީތެރިވުމަށް ގާތް މީހެއްގެ ޚިޔާލާއި އޭނާ ދެކޭގޮތް ހުށަހަޅައިގެން އެހީތެރިކަން ހޯދުމަކީ ކުރެވިދާނެ ކަމެކެވެ.
ތިމާގެ އަމިއްލަ ނަފްސަށް އިހްތިރާމު ކުރުމަށް ތިމާއާ އެހެން މީހުންނާ އަޅާކިޔުމުން ދުރުހެލިވުމާއި، ފަރުދުންގެ މެދުގައި ހުންނަ ތަފާތުތައް ދެނެގަތުމުގެ ބޭނުންތެރިކަންވެސް މުހިންމު ދައުރެއް އަދާކުރެއެވެ. ނަފްސަށް އިހްތިރާމު ކުރުމުގެ ސިފަ ތިމާގެ ގައިގައި އަށަގެންނެވުމަށްޓަކައި މާޒީގެ ވޭނާއި މާޔޫސްކަމުން ދުރުވެ ﷲ އަށް ވަކީލުކޮށް މުސްތަޤްބަލާމެދު ފައްސި ވިސްނުން ގެންގުޅުން މުހިންމެވެ. މީގެ އިތުރުން ގަވައިދުން ކަސްރަތު ކުރުމަކީ އަމިއްލަ ހިތްހަމަޖެހުން ބިނާކުރުމަށް އެހީތެރިވެދޭނެ ވަރަށް މުހިންމު ކަމެކެވެ.
ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް، ހުއްޓުމެއް ނެތި، ހަމަޖެހިލައިގެން ނޭވާލާނެ ވަގުތެއްވެސް ނެތި، އަހަރެމެން އެކި ޒިންމާތައް އަދާކުރުމުގައި ހަރަކާތްތެރިވަމެވެ. ނަމަވެސް ދުވަސް ނިމި، ނިދުމުގެ ކުރިން، ކުޑަ ވަގުތުކޮޅަކަށް އަމިއްލަ މީހާއާ މެދު ވިސްނާލަން ވަގުތުކޮޅެއް ހުސްކުރާށެވެ. އަދި އަމިއްލަ ނަފްސަށް އޯގާތެރި ބަސްތަކަކުން މުހާތަބުކޮށް ކޮންމެވެސް ހަދިޔާއެއް ދޭށެވެ. އެގޮތުން މިއަދު ކުރި ކަންކަން ވަޒަންކޮށްލާށެވެ. "މިއަދު އަހަރެން ކުރި މަސައްކަތް ފުދެއެވެ". މިހެން ބުނެލާ ފަދަ އުފާވެރި ވަގުތުކޮޅެކެވެ.
ހަނދާން ކުރާށެވެ! ތިމާގެ ނަފްސަށް އިހުތިރާމުކޮށް ނަފްސުދެކެ ލޯބިވުމަކީ އަމިއްލަ ނަފްސަށް ވެވޭ އޯގާތެރިކަމެކެވެ. ގަބޫލުކުރަންވީ ނަފްސަކީ ﷲގެ އަމާނާތެއް ކަމަށާއި އެ އަމާނާތަށް އަހަރެމެން އޯގާތެރިވެ ރައްކާތެރިވާންޖެހޭނެ ކަމެވެ. އެގޮތުން ގަބޫލުކުރަންވީ މާތް ﷲ އީ އަހަރެމެންގެ މައްޗަށް ނުހަނު އޯގާވަންތަ ރަސްކަލާނގެ ކަމަށާއި އިސްލާމްދީނުގައި އެއްވެސް މީހަކަށް، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ވެސް އަނިޔާވެރިވުމެއް ނުވާ ކަމަށާއި އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު ޢަމަލުކުރެވޭނޭ އެއްޗެއް ނޫން ކަމެވެ.