ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށާއި 2008 ވަނަ އަހަރުގައި އަމަލުކުރަން ފެށި ޤާނޫނު އަސާސީ ދިވެހިންނަށް ލިބިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެމްޑީޕީން ކަމަށެވެ.

އަދި އެ ގާނޫނު އަސާސީގެ ސަބަބުން ކުރިއެރުންތަކެ ހޯދުނު ނަމަވެސް ދުވަސްތަކެއް ފަހުން ބަލާއިރު ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިންގެ ތަނަވަސްކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ "ދަނޑިކޮށި" ހަރުގޭގައި ވަނީ ވަނީ ދިދަ ނެގުމާ ކޭކު ފެޅުމުގެ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްވެރިންނާއި، އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓަރީ ކުރީ ޖޫން 26، 2005 ގައެވެ.

ޕާޓީ އުފެދުނުތާ 21 އަހަރުވެފައި ވާއިރު، އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތު އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީން ވަނީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެ ފަހަރެއްގެ މަތިން ވެރިކަން ކޮށްފައެވެ.