މާތް الله ތިބާއަށް ދެއްވައިފައިވާ ގުނަވަންތަކަކީ ތިބާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގައި ޙުތުބާގައި އަމާނާތްތަކަށް ރައްކާތެރިވުމަށް އަލިއަޅުވާލާފައިވާ އިރު ޙުތުބާގައި ބުނީ އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަންޏެއްނޫން ކަމަށެވެ.
އަމާނާތުގައި އެއަށް ވުރެ މާ ތަނަވަސް ފުޅާ މާނައެއް އެކުލެވިފައިވާ ކަން ފާހަގަކޮށް ޙުތުބާގައި ބުނީ އެއިގެ ތެރޭގައި މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ޙަވާލުކުރެވިފައިވާ ހުރިހައި ޙައްޤުތަކެއް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ހުރިހައި ކަމަކަށް ވުރެ ބޮޑަށް އަމާނާތްތެރިވާން ޖެހޭ ކަމަކީ މީހުން ރައްކާކުރުމަށް ހަވާލުކޮށްފައިވާ ތަކެއްޗަށް ރައްކާތެރިވުން ކަމަށް ޙުތުބާގައި ބުނެފައިވެ އެވެ.
ޙުތުބާގައި އިތުރަށް ބުނީ ދަރީންނަކީ ވެސް އަމާނާތެއް ކަމަށެވެ. އެގޮތުން އެ ކުދީންނަށް ހެއު ގޮތުގައި ތަރުބިޔަތު ނުދީފި ނަމަ، އަދި އެ ކުދީންގެ ޙައްޤުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ތިބާ އެވަނީ ޙަވާލުކުރެވިފައިވާ އަމާނާތަށް ޚިޔާނާތްތެރިވެފަ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
ހަމަމިއާ އެކު ޙުތުބާގައި ވަނީ އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، ބޮޑުވެގެންވާ އަދި އެހައިމެ ބުރަދަންހުރި އެއްޗެއް ކަމަށް ބުނެފަ އެވެ. އަދި ެ. މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އޭނާއަކީ އަމާނާތްތެރިއަކަށްވެގެން ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށް ޙުތުބާގައި ބުނެއެވެ.
ޙުތުބާގައި ވަނީ އަޅަމެންނީ އަމާނާތްތަކަށް ރައްކާތެރިވާ، އަދި ޢަހުދުތަކަށް ވަފާތެރިވާ ބައެއްކަމުގައި ލެއްވުމަށް އެދި ދުއާ ކޮށްފައެވެ.