ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ފިޔަވަޅު އަޅުއްވަނީ ރޭވިގެން، ވަށައިޖެހޭ ހައްލެއް ލިބޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޝަން ޗެޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ ޤައުމުގެ ކޮންމެ ކަމެއްގައިވެސް ދުޅަހެޔޮ މުޖުމަތަޢެއް ބިނާވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ވަށާޖެހޭ ސިއްޙީ ދުޅަހެޔޮކަމުގެ ސިޔާސަތެއް ތަންފީޒުކުރައްވަން ފެއްޓެވީ އެ މަޤުސަދު ހާސިލުކުރުމަށް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެތައް ޤައުމަކަށް ދިމާވެފައިވާ މައްސަލައެއްކަމަށެވެ.
ރާއްޖޭގައި ވޭޕް މަނާކޮށް، ޖެނަރޭޝަނަލް ބޭންއެއް ތައާރަފުކުރީ ދުންފަތާދުރު މުޖުތަމަޢެއް ބިނާކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައްޔިތުން އެކަންކަމުން ދުރުކުރަންޖެހޭ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ ދުންފަތާދުރު މުޖުތަމައު އެއް ބިނާ ކުރުމަށް އަޅުއްވަމުން އަންނަ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ވިދާޅުވީ ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވަނީ ރޭވިގެން މަރުހަލާތަކަކަށް ބަހާލައިގެންކަމަށެވެ.
މީގެ އިތުރުން ރަށްރަށުގެ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް އެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު ރައްޔިތުން ބިނާކުރުމަށް މަސައްކަތް ކުރާނެ ޚާއްސަ ޤައުމީ ޕްރޮގްރާމެއް ފަށަން ނިންމަވާފައިވާކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.