މަސްތުވާތަކެތީގެ ހަވާސާގައި ދިމާވާ މައްސަލަތަކީ އެ ވަބާއަށް ވުރެ ބޮޑު މައްސަލަތަކެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިހުސާން ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހުންނާމެދު އަދިވެސް މުޖުތަމައުއިން އަމަލުކުރަނީ ރަނގަޅަށް ނޫންކަން ފާހަގަކުރައްވާފައެވެ.
އިހުސާން ވިދާޅުވީ ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާމެދު ދެކޭ ދެކުމުގެ ސަބަބުން އެ ވަބާއިން ސަލާމަތްވާ މީހުން ބަލައިނުގަނެ، އެ މީހުންނަށް ގޮންޖެހުމަކަށް ވާގޮތަށް އަމަލުކުރާ ކަމަށެވެ. އަދި އެފަދަ މީހުން ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގައި ވަޒީފާ ދޭ މީހުންނާއި، ވަޒީފާ އުފައްދާ މީހުންނާއި، ފަރުދުންގެ ޒިންމާ ބޮޑުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދެވުމަކީ ނަމޫނާ މަސައްކަތެއް ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެ ކޯޓުން ދައްކާފައި ވަނީ ހާއްސަ ލޯތްބެއް ކަމަށާއި ކޯޓަކުން އެފަދަ މަސައްކަތެއް ކުރުމަކީ މުޅި މުޖުތަމައަށް ދެއްކި މިސާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުލް ގަނީ ވިދާޅުވީ ކޯޓަކުން އެފަދަ ޕްރޮގްރާމެއް ހިންގުމަކީ އައު ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް ޑްރަގް ކޯޓުގެ ނިޒާމަކީ ހާއްސަ ނިޒާމެއް ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގައި ވެސް ޑްރަގް ކޯޓުތަކުގެ ނިޒާމުގައި މިފަދަ ކަންކަން ހިންގާކަން ފާހަގަކުރައްވާ ގަނީ ވަނީ މި ޕްރޮގްރާމްގައި ޝާމިލްވާ އެންމެން ކޮށްފައި ވަނީ މުހިންމު މަސައްކަތްތަކެއް ކަމަށާއި މިއީ މާޒީވެ ދިޔަތަން ދޫކޮށް ހަރުދަނާ ދިރިއުޅުމަކަށް ލިބޭ ހިތްވަރަކަށް ހެދުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާމަން އަހްމަދު ސިއްދީގު ވަނީ މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ވިސްނުން ބަހައްޓަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ސިއްދީގު ވަނީ އެހެން ފަރާތްތަކަށް ނަމޫނައަކަށް ވެ މުޖުތަމައުގައި ތިބި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް އިލްތިމާސްކުރެއްވިއެވެ.
300 އަށް ވުރެ ގިނަ މީހުން ވަނީ ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.