ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިޚާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން، ހުރިހާ ރައްޔިތުންނަށް، ހަމަހަމަގޮތެއްގައި، އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ 2 ވަނަ އެޕިސޯޑްގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ޤައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެން ނަމަވެސް އެކަން ބަދަލުވި ދުވަހަކުން ގައުމުގެ ކަންކަން ރަނގަޅަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އިދި ކޮޅު ކައުންސިލް އަކުން އައިސަ އޮތިއްޔާމު އެ ކައުންސިލްއަކުން އޮންނަނީ އިދިކޮޅު ހެދުމާއި އެއްވެސް ކަމެއް ނުކޮށްދިނުން ކަމަށެވެ. އަދި އެކަން ބަދަލުވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގައި އޮތީ ހުރިހާ ފަރާތްތަކަކުންވެސް އިޚްލާސްތެރިވުންކަމަށާ، އެ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިވެވަޑައިގަތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހެން ކަމުން ސަރުކާރުން ޖެހެނީ ގަނޫނުގައި އޮންނަ ކޮންމެވެސް އިޖުރާއަތެއްގެ ތެރެއިން ފިޔަވަޅުތަކެއް އަޅަން ކަމަށެވެ. މަސް މާރުކޭޓުގެ ވާހަކަ މިސާލަކަށް ނަގައި ރައީސް ވިދާޅުވީ، އެތަން ހެދޭނެ ގޮތެއް ނުވި ކަމަށެވެ. އަދި އެކި ކަހަލަ އުނދަގޫތަށް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ މޯލްޑިވްސް 2.0 އަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، މިރޭގެ އެޕިސޯޑްގައި ކުރިމަތިކުރި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދެއްވާފައެވެ. ދިވެހިރާއްޖޭގައި ޑިޖިޓަލް އިޤްތިޞާދު ފުޅާކުރެއްވުމަށް، ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އަޅުއްވާ އެކިއެކި ފިޔަވަޅުތަކަށްވެސް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ އެޕިސޯޑްގައި އަލިއަޅުވާލައްވާފައެވެ.