ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫއެއްކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކަން އެހެން އޮތް ނަމަވެސް އެންމެ މުހިންމުކަން ދެއްވާ އެއް ކަމަކީ، އެކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫއެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ކަމަށެވެ.
މިހާރު ކުރިއަށްދަނީ އަދުގެ ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް ކަމަށް ވާއިރު، އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޒަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހަމަމިއާއެކު މާލޭ ސިޓީގެ އުމްރާނީ ތަރައްގީއަށް ކުރެވެމުންދާ ބޮޑެތި ބައެއް މަޝްރޫއުތަކަށްވެސް އަލިއަޅުއްވާލައްވާ ރައީސް ވަނީ މާލޭ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަގުމަތީގެ މައްސަލަތައްކަން ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ، މުޅި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މަގުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، ޕާކިންގެ މައްސަލައަށް ހައްލު ގެނައުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއެކު، ފަރުދީ ޒިންމާވެސް އަދާކުރުން ވަރަށް މުހިންމުކަމަށާއި، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ހައްލު އަންނާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ހާއްސަ އިސްކަމެއްދެއްވާކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، ކުރިއަށް އޮތްތަނުގައި، މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެކަމުގައި ވިދާޅުވެފައެވެ.
އެގޮތުން، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ރޭގެ ޕޮޑްކާސްޓްގައި ހާމަކުރައްވާފައެވެ.