ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް އެމްޑީޕީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ދިމާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓުގައި ވަނީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރީނދޫ ލަޝްކަރުގެ މެންބަރުންނާއި، ލީޑާޝިޕާއި، ޕާޓީގެ އެންމެހާ ހިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ.
އެ ޕޯސްޓުގައި ފައްޔާޒު ވިދާޅުވީ މިއަދު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ މަންޒަރު ކަމަށެވެ.
އަދި ހަމައެހެންމެ މިއަދު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު ކަމަށް ފައްޔާޒް ވަނީ ސިފަކުރައްވާފައެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުން އެތަކެއް ޕާޓީތަކެއް ފަނޑުވެދިޔައިރު ވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު އެމްޑީޕީއަށް ކަޑައްތުކުރެވުނީ އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް އެ ޕާޓީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން ކަމަށާއި ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މީގެ 21 އަހަރުން ކުރިން ރަސްމީކޮށް އެމްޑީޕީން ފެށި އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި އެ ޕާޓީން ކުރާނެ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން ފައްޔާޒުގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވިދާޅުވީ އެ ޕާޓީއަށް ކާމިޔާބު މިންވަރު ކުރެއްވުން އެދިވަޑައިގަންނަވަމުންނެވެ.