މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ދިމާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޞާލިޙްގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖެއަށް އިސްލާހީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތް ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ޕާޓީ ދެމިއޮންނާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމުގައި ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.
ޕާޓީގެ އަހަރީ ދުވަހާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ އެ ޕާޓީގެ ލީޑާޝިޕާއި އެންމެހާ މެންބަރުންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ "ދަނޑިކޮށި" ހަރުގޭގައި ވަނީ ވަނީ ދިދަ ނެގުމާ ކޭކު ފެޅުމުގެ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ.
މިގޮތުން އެ ރަސްމިއްޔާތުގައި އެމްޑީޕީގެ އިސްވެރިންނާއި، އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓަރީ ކުރީ ޖޫން 26، 2005 ގައެވެ.
ޕާޓީ އުފެދުނުތާ 21 އަހަރުވެފައި ވާއިރު، އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތު އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީން ވަނީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދެ ފަހަރެއްގެ މަތިން ވެރިކަން ކޮށްފައެވެ.