އިދިކޮޅު ސިޔާސީ ފަރާތްތަކުން އިހުލާސްތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މިފަދައިން ގޮވާލެއްވީ ދައުލަތުގެ މީޑިއާއިން ކުރިޔަށް ގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މީގެ ކުރިން އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން ގެންދެވީ ވަޒީފާތަކުން މީހުން ނުކަނޑާތީ ކަމަށާއި، އެހެން ނަމަވެސް އިހައްދުވަހަކު މުޒާހަރާ ކުރީ ވަޒީފާތަކުން މީހުން ކަނޑާތީ ކަމަށް ބުނެ ކަމަށެވެ. އެހެން ކަމުން އެފަދަ "ދެއޮޅިއެއްނުވާ" ވާހަކަ ތަކަށް އެމަނިކުފާނު ސަމާލުކަން ނުދެއްވާ ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ގައުމާ ހަވާލުވެ ވަޑައިގެންނެވި އިރު ބޭކާރު ގޮތުގައި އެންމެ ގިނަ މުއްޒަފުން ތިބީ ފެނަކައިގައި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު މުވައްޒަފުންގެ އަދަދު ބޮޑުވެގެން ދިޔައީ އިންތިހާޔަށް ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން ވަރަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ކުންފުނިތަކުން މިހާރު ވެސް ދަނީ ތަފްސީލް އެޗްއާރް އޮޑިޓެއް ހަދަމުން ކަމަށާއި، އެ ކުންފުންޏަކަށް ބޭނުން ވާނެ އަދަދު އެ އޮޑިޓް ރިޕޯޓަށް ފަހު ނިންމާނެ ކަމަށެވެ. އަދި އެއަށް ފަހު ދެންތިބޭ މުވައްޒަފުން ގާނޫނާ ގަވާއިދުގެ އިޖުރާއަތުގެ ދަށުން އެ މުވައްޒަފަކަށް ދޭން ޖެހޭ އިނާޔަތެއްދިނުމަށް ފަހު ދޫކޮށްލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުންފުނިތަކުން މުވައްޒަފުން ވަކި ކުރުން ކުރިޔަށް ދަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
މީގެއިތުރުން، މިނިސްޓްރީތަކުން މީހުން މަދު ކުރުމައްޓަކައި މިނިސްޓްރީތަށް މަދު ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް ޕޮލިޓިކަލް މަގާމުތަށް އަދިވެސް މަދު ކުރެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެ މަގާމުތަށް ވެސް މަދު ކުރުމަށް މިހާރު މަސަކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.