ޤާނޫނީ ވަކީލުންނަކީ، މުވައްކިލާއި ތެދުބަހުން މުއާމަލާތުކުރާ ސިއްރު ހިފަހައްޓާ، އިޚުލާސްތެރިންނަށް ވާންޖެހޭ ބައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލުން ހުވާކުރުމަށް ވިލާ ކޮލެޖް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަނޑިޔާރު ވިދާޅުވީ، ތަޢުލީމާއި އެއްވަރަށް ޤާނޫނީ ވަކީލުންގެ އަޚުލާޤު ހިފެހެއްޓުން ވެސް މުހިންމު ކަމަށެވެ.

އެގޮތުން މުވައްކިލަށް ނުވަތަ ހިދުމަތަށް އެދޭ މީހާއަށް ވަކީލެއްގެ ކިބައިން ފާހަގަވާ ފުރަތަމަ ސިފައަކީ އޭނާގެ އަޚުލާޤުކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން ވަކީލުންނަކީ، މުވައްކިލާއި ތެދުބަހުން މުއާމަލާތުކުރާ ސިއްރު ހިފަހައްޓާ، އިޚުލާސްތެރިއަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ.

ޤާނޫނީ ވަކީލުންގެ ހުވާގައި ބުނާފަދައިން އަމާނާތްތެރިކަމާއި، ތެދުވެރިކަމާއެކު ޚިދުމަތްކުރުން މަތީ ދެމި ތިބުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ވަނީ ބާރުއަޅުއްވާފައެވެ.

"ހުވަޔަކީ ދިރިދެމި އޮންނަ އެއަށް. ޖަވާބުދާރީވެ، އިހުލާސްތެރި މަސައްކަތްތަކެއް ކުރަންވާނެ. އިތުބާރު ހިފޭ ބަޔަކަށް ވާނީ އޭރުން."

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

މިއީ ވަކީލުން ހުވާކުރުމަށް މި އަހަރު ބޭއްވި 3 ވަނަ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އިސްމާއިލް ޝަފީއުއެވެ. އަދި ވަކީލުންނަށް ލިޔުން ހަވާލުކޮށްދެއްވީ، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.