މާލެ އޭރިއާގައި މަސައްކަތްކުރާ 84 ފުލުހަކަށް ޝަރަފުގެ ނިޝާން ހަވާލުކޮށްފިއެވެ.

ފުލުހުންނަށް ޝަރަފުގެ ނިޝާން ހަވާލުކުރީ އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި، ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް މަރުހަބާ ދަންނަވައި، ފުލުހުންގެ ހިދުމަތުގެ ދިގު މާޒީގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ފުލުހުންގެ ކެތްތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންނަށް ލިބޭ ކާމިޔާބީ ފާހަގަކޮށް އަގުވަޒަންކުރުމާއި، އިތުރު ކާމިޔާބީ ހޯދައިދިނުމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިއެވެ.

ޝަރަފުގެ ނިޝާން ލިބުނު ފުލުހުންގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންނާއި، ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 34 ފުލުހުންނެވެ.