ގއ. ވިލިނގިލީގައި ގާއިމުކުރާ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަންގެ މަޝްރޫއު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، މުޢާޛު ޙަލީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، ޙަސަން ރިފާޢީ ބުޝްރީއެވެ.

މިއީ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން 550 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ނިންމާގޮތަށް އާރުޑީސީއާ ހަވާލުކުރި މި ފަޔަރ ސްޓޭޝަން ގާއިމުކުރެވުމާ އެކު، އެ ސަރަހައްދުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ނާއިބު، ފާޠިމަތު މިޒުނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހިންގެވުމާ ހަވާލުވެހުންނެވި، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރު އަދި ސަރވިސް ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ނަޞީރުގެ އިތުރުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.