ވެނަޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެނަޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ފޮނުއްވި މެސެޖުގައި، ވެނަޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ވެނަޒުއޭލާގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިހްލާސްތެރި ހަމްދަރުދީ ފޮނުއްވައި، މި ދަތި އަދި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި އެ މަނިކުފާނު ވަނީ ދުއާކުރައްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.