ވިނީޝިއުސް ޖޫނިއާގެ ދެ ލަނޑާއެކު ސްކޮޓްލެންޑްގެ މައްޗަށް ކުރިހޯދައި، ބްރެޒިލްއިން ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލްއިން ގްރޫޕްގެ އެއްވަނަ ހޯދީ ރޭ 3-0 އިން ސްކޮޓްލެންޑް ބަލިކޮށް، ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ މޮރޮކޯއިން ވެސް ރޭ 4-2 އިން ހެއިޓީ ބަލިކޮށް ހަތް ޕޮއިންޓް ހޯދާފައިވީ ނަމަވެސް، ބްރެޒިލް އާއި މޮރޮކޯ ވާދަކުރި މެޗު އެއްވަރުވެފައިވުމުން، ލަނޑުގެ ތަފާތަށް ބަަލައި ކުރި ލިބުނީ ބްރެޒިލްއަށެވެ.

މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ބްރެޒިލްއިން ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ. އެގޮތުން، މެޗުގެ ހަތް ވަނަ މިނެޓާއި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ދެ ލަނޑު ވެސް ޖަހައިދިނީ ރެއާލް މެޑްރިޑްގެ ހުނަރުވެރި ފޯވާޑް ވިނީޝިއުސް އެވެ.

މިއާއެކު، ވިނީ މި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ޖެހި ލަނޑުގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ. އޭނާ ވަނީ ފުރަތަމަ ދެ މެޗުގައި މޮރޮކޯ އާއި ހެއިޓީ ކޮޅަށް ވެސް ލަނޑު ޖަހާފަ އެވެ. ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް ވެސް ހަތަރު ލަނޑު ޖަހާފައިވާއިރު، ފަސް ލަނޑާއެކު މިވަގުތު ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

ރޭގެ މެޗުގެ 60 ވަނަ މިނެޓުގައި ބްރެޒިލްގެ ފަހު ލަނޑު ޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑްގެ މަޓެއުސް ކޫންޏާ އެވެ. މިއީ މިއަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ، އަނިޔާއިން ސަލާމަތްވެގެން ރޭގެ މެޗަށް އެނބުރި އައި އެ ޓީމުގެ ތަރި ނޭމާ ޖޫނިއާ ކުޅެން އަރުވާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްރެޒިލްގެ އެޓޭކުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކުރި ވިނީޝިއުސް އެވެ. ބްރެޒިލްއިން މީގެކުރިން ކުޅުނު ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ވިނީ އެވެ.

ގްރޫޕް ސީގެ މެޗުތައް ނިމުނުއިރު، ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ޖާގަ ކަށަވަރުވީ ބްރެޒިލް އާއި މޮރޮކޯއަށެވެ. ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ލިބުނީ ސްކޮޓްލެންޑަށެވެ. އަދި ހެއިޓީ ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފަ އެވެ.