ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމަށް ޖަޕާނުން ދިވެހިރާއްޖެއަށް "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" އެއް ހަދިޔާކޮށްފިއެވެ.
ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މި ސިސްޓަމް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރުމަށް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ހޯލްގަ މިއަދު ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ދައުލަތާ އެ ސިސްޓަމް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯއެވެ. އަދި ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި ޖަޕާނު ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
މި ސިސްޓަމަކީ ރާއްޖޭގެ އެއާޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
މި އައު ސިސްޓަމްގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ، އެއަރޕޯޓުގެ ޚިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް މަތިވެގެންދާނެއެވެ.