ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އާންމުކުރި ވީޑިއޯ ރިޕޯޓެއްގައެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އެއާޕޯޓު ތަރައްގީކުރާނީ ދުރުރާސްތާއަށް ވިސްނައި، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ސަރަހައްދެއްގައި އެއާޕޯޓު އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އިސްދޫ ކަލައިދޫއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށްވާއިރު، އެ ރަށަކީ އާބާދީ އެއްފަސްކުރުމާއި ތަރައްގީގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި އޮތް ރަށެކެވެ.
މިހާރު އެ ސަރަހައްދުގެ ރައްޔިތުން ކައްދޫ އެއާޕޯޓަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދިގު ދަތުރު މި މަޝްރޫޢާއެކު ކުރުވެގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އިސްދޫ ކަލައިދޫގައި ތަރައްގީކުރާ އެއަރޕޯޓުގެ ސަބަބުން، މުޅި އަތޮޅުގެ ރައްޔިތުންނަށާއި، ވަކިން ހާއްސަކޮށް އިސްދޫ ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.