ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ރުއްތަކަށްޖެހޭ ހުދު ކޫޑި އާއި ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރާނެ "ސިސްޓެމިކް ޕެސްޓިސައިޑް" ޗައިނާ އިން ފޯރުކޮށްދީފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްޞަކޮށް ރުއްތަކަށް ހުދު ކޫޑި (ވައިޓް ފްލައި) އާއި ހިސްޕިޑް ބީޓްލްގެ ނުރައްކާ ބޮޑުވެ، އޭގެ ސަބަބުން ގަސްގަހާގެއްސަށް ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިހާރު ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގައި މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، "ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް“އިން، އެ ސޫފިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ޚާއްޞަ ސިސްޓެމިކް ޕެސްޓިސައިޑް ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އެގޮތުން އިއްޔެ އެ މިނިސްޓްރީގެ ޓީމަކާއި ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ މަންދޫބުން ހއ. ބާރަށަށް ޒިޔާރަތްކޮށް، އެ ބޭސް ބޭނުންކޮށްގެން ސޫފިތައް ކޮންޓްރޯލް ކުރާނެ ގޮތުގެ ފަންނީ އިރުޝާދު ދީފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
މި ޒިޔާރަތުގެ ތެރެއިން، ބޭސް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ދިނުމުގެ އިތުރުން، ބޭސް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެ ބޭސް މަސައްކަތްކުރާ ގޮތާއި، ހުދު ކޫޑި އާއި ހިސްޕިޑް ބީޓްލް ނައްތާލުމުގައި އެ ބޭހުގެ ނަތީޖާ ފެންނަ މިންވަރާ ބެހޭގޮތުންވެސް ވަނީ ތަފްސީލީ މައުލޫމާތު ދީފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ބާރަށަށް ކުރި އެ ޒިޔާރަތަކީ، ރާއްޖޭގެ ރުއްތަކާއި އެހެނިހެން ގަސްގަހާގެހި މިފަދަ ސޫފިތަކުން ސަލާމަތްކޮށް، އޭގެ ފެތުރުން ހުއްޓުވުމަށް ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ބައެއް ކަމަށެވެ. އަދި މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ރަށުގެ ދަނޑުވެރިކަމާއި ގަސްގަހާގެހީގެ ދުޅަހެޔޮކަން ދަމަހައްޓައި، އުފެއްދުންތެރިކަން އިތުރުކުރުން ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
ޗައިނާއިން ސިސްޓެމިކް ޕެސްޓިސައިޑް ހަދިޔާކޮށްފައި ވާއިރު، ހދ. ހަނިމާދޫގައި ހުންނަ ދަނޑުވެރިކަމާއި ބެހޭ ލެބޯޓަރީއިން ޗައިނާ ސަރުކާރުގެ އެހީގައި ކުރި ތަހުލީލުތަކުން ރާއްޖޭގެ ރުއްތަކަށް ޖެހިފައިވާ ކޫޑި ބައްޔަށް ހައްލެއް ހޯދޭނެ ގޮތް މިހާރު ދެނެގަނެވިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.