ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނަށް ވެސް، އެ ދަރިވަރުންގެ ވިސާ ފައިސާ ދެއްކުމަށް ބޭނުންވާ ބޭރު ފައިސާގެ ލިމިޓް ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބީއެމްއެލްގެ ތަރުޖަމާން މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފައިސާ ދެއްކުމަށް ކާޑު ލިމިޓް ދެމުން އައީ ‘ކޭސްބައި ކޭސް’ އުސޫލުން ކޮންމެ މައްސަލައަކަށް ވަކިވަކިން ބެލުމަށްފަހު ކަމަށެވެ.
ނަމަވެސް، މިއަދުން ފެށިގެން އެ އުސޫލަށް ބަދަލު ގެނެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެހީތެރިކަމާއެކު ހުރިހާ ދަރިވަރުންނަށް ވެސް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ބޭންކަށް އެދި ހުށަހެޅުމުން ހުރިހާ ދަރިވަރުންނަށް ވެސް ވިސާ އަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދޫކުރާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ، އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ދަނީ ހަމަޖައްސައިދެމުންނެވެ. އެގޮތުން ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓެއް ބީއެމްއެލް އިން ކަނޑައަޅާފައިވެއެވެ.
އަދި ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
ހަމައެހެންމެ ހަޔަރ އެޑިއުކޭޝަން ޤާއިމުކުރެވިފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމުވެސް ވަނީ ބީއެމްއެލް އިން ހަމަޖައްސައިދީފައެވެ.