ހދ. ހިރިމަރަދޫ ރައްޔިތުން ހއ. ހޯރަފުއްޓަށް ބަދަލުވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާ އެކަން އިއުލާނުކޮށްފި އެވެ.
ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހޯރަފުށީ ކައުންސިލުން ބޭއްވި އާންމު ޖަލްސާއެއްގައި ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން އެ ރަށަށް ބަދަލުވާން އެދޭ ފަރާތްތަކަށް ރަސްމީކޮށް ދައުވަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ރަޖިސްޓްރީވުމަށް ވަނީ ދީފައެވެ.
އާބާދީ މަދުވުމުގެ ސަބަބުން ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާފައިވާއިރު ހިރިމަރަދޫއަކީ ހަނިމާދޫގެ އަވަށު އޮފީހެއްގެ ގޮތުގައި ވަނީ މިހާރު ހިމަނާފައެވެ.
ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ.
ތައުލީމީ ގޮތުން އެ ރަށުގައި ކިޔަވައި ދެނީ ގުރޭޑު 10 އާ ހަމައަށެވެ.