ޒުވާނުން މަސްވެރިކަމަށް ޝައުގު އުފައްދަން ޕްރޮގްރާމްތަކެއް ކުރިއަށްގެންދާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީން މަދުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ އިންޑަސްޓްރީގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
އެގޮތުން ވަކިން ހާއްސަކޮށް މަސްވެރިކަމަކީ ވަރަށް"ޔުނީކް" މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އަޅުގަނޑުމެން މިކުރާ މަސްވެރިކަން ހޭންޑް ލައިން މަސްވެރިކަމާއި ޕޯލް އެންޑް ލައިން މަސްވެރިކަމަކީ އެހެން ގިނަ ގައުމުތަކުގައި ނުކުރާ މަސައްކަތެކޭ ދެންނެވިއަސް ކުށަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޕޯލް އެންޑް ލައިން އަދި ހޭންޑް އެންޑް ލައިން މަސްވެރިކަންވެސް ކުރާ ކަމަށާއި އެހެންނަމަވެސް އެގޮތަށް މަސްވެރިކަން ކުރަނީ ނިސްބަތުން ވަރަށް މަދުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ޕޯލް އެންޑް ލައިން އަށްވެސް އެންމެ ބޮޑު ކޮންޓްރިބިއުޝަން މުޅި ދުނިޔޭގެ ބާޒާރަށް ކުރާ ބަޔަކަށް ވާނެ ކަމަށެވެ.
ހަމައެހެންމެ މިނިސްޓަރު ވަނީ މަސްވެރި ސިނާއަތަށް ދިވެހިން ހޯދުމަކީ މިހާރު ވަރަށްބޮޑު ގޮންޖެެހުމަކަށް ވެފައިވާ ކަމެއް ކަމަށްވެސް ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިކޮށް އެ 5 ދޯންޏަށް އެރުވި ފަސް ޒުވާނުން އެ ޕްރޮގްރާމްތައް ނިމުމުންވެސް އެ ދޯނިތަކުގައި އެބަތިބި ކަމަށެވެ.
އަދި އަމާޒަކީ މި އަހަރުގެ ތެރޭގައި އިތުރުކުދިންތަކަކާއެކު އެ ޕްރޮގްރާމް ކޮންޓިިނިއު ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް މީހުން ލިބުން ދަތިވެފައި ވަނީ ސިޔާސީ މަންފާއަށް ރަށުތެރެއިން ބައިވަރު ވަޒީފާ އެ ފަދަ ސިނާއަތްތަކުގައި ތިބި ފަރާތްތަކަށް ދިނުމުން ކަމަށާއި އެއީ އެ ސިނާއަތަށް މީހުން ލިބުން ދަތިވި މައިގަނޑު އެއްސަބަބު ކަމަށެވެ.