ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)ން ބުނެފި އެވެ.

އެމްޓީސީސީން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އަންނަ ބުދަ ދުވަހު ތާރު އަޅަން ފަށާއިރު އެ މަސައްކަތް ކުރާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށް ކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެ މިނިސްޓްރީ ހިންގާ އިމާރާތުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ތާރު އަޅަން ފަށާނީ ފުރަތަމަ ބައިގައި އެއްކޮށް ތާރު އަޅައި ނިމުމުން ކަމަށެވެ.

އެމްޓީސީސީން ބުނީ ތާރު އެޅުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ސަރަހައްދު ވަގުތީގޮތުން ބަންދު ކުރާނެ ކަމަށެވެ. އަދި މަގު ބަންދުކުރި ނަމަވެސް އެ ޕާކިން ޒޯނުގައި ވެހިކަލް ޕާކުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ފޭސް އެކެއްގެ ނަރުދަމާ އާއި ފެން ލައިނާއި މައި ފެން ހޮޅިލުމުގެ މަސައްކަތާއި ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަނުގެ މަސައްކަތް ވެސް އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ މައުލޫމާތުދީފަ އެވެ.

މަގުގެ ޕޭވްމަންޓުގެ މަސައްކަތުގެ ވެސް އެއްބައި އެއްކޮށް ނިމިފައިވާއިރު މިހާރު ކުރިއަށް ގެންދަނީ ސެގްމެންޓް 2 އަކާއި 3 ގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ މަގު އާންމުންނަށް ބަންދުކޮށް، ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކޮށް ތަރައްގީކުރަން ފެށީ މި އަހަރުގެ މާޗު މަހުގެ 23 ގަ އެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ޖުލައި 26ގެ ކުރިން ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީން ބުނެއެވެ.

މުޅި މަޝްރޫއުގެ މަސައްކަތްތައްނިމި އާންމުންނަށް ހުޅުވާލުމާއެކު، މަގު އިތުރަށް ތަނަވަސްވެ ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.