ފުވައްމުލައް ސިޓީގައި އިމާރާތްކުރި ގުރުއާން މަރުކަޒު ހުކުރު ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފުވައްމުލައް ސިޓީގައި އިމާރާތްކުރި ގުރުއާން މަރުކަޒު ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ރަސްމީކޮށް ހުޅުވަން ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މަރުކަޒު ހުޅުވުމަށް ފަހު ގުރުއާން ހިފްޒު ކުރުމުގެ ޕްރޮގުރާމްތައް އިތުރު ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ފުވައްމުލައް ސިޓީގެ އިސްލާމިކް ސެންޓަރު ގެ މަސައްކަތް ވެސް ޑިޒައިންކޮށް ނިންމާ، ކޮމެންޓްސްއަށް ކޮންސެޕްޓް ފުވައްމުލަށް ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.

ހަމަމިއާއެކު އެ އިސްލާމިކް ސެންޓަރު ނިމުމުން އެތަން ގުރުއާން މަރުކަޒަކަށް ބަދަލު ކުރާނެ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު ހުޅުވާ މަރުކަޒު ވަގުފް ބިނާ އަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެތަން ކުއްޔަށް ދީގެން ލިބޭ ފައިސާ ހަރަދު ކުރާނީ ފުވައްމުލަށް ސިޓީ ގެ ދީނީ ކަންކަމަށް ކަމަށްވެސް މައުލޫމާތު ދެއްވާފައި ވެއެވެ.

ފުވައްމުލަކުގައި އިމާރާތް ކުރާ ގުރުއާނާބެހޭ މަރުކަޒަކީ، ދައުލަތުން 12 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިމާރާތެކެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހުންނާނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި، ނަމާދު ކުރާނެ ތަނެއް ހަދާފައިވާއިރު، ނަމާދުކުރާ ބައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.