މަޖިލީހުގައި އިހުތިޖާޖުކުރީ ސޯބެ ރަނގަޅު ކޮމިޓީއަކަށް ނުލުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުމުގެ ކުރިން ހިނގި އަރައިރުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 13 މެންބަރުންގެ ތެރެއިން ނުވަ މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރުނެވެ. އެއީ ކޮން ކަމަކާ ހެދި ހިނގި އަރައިރުމެއް ކަން މަޖިލީހުން ލައިވްކުރި މަންޒަރުތަކުން ސާފެއް ނުވެ އެވެ.
އޭގެ ފަހުން މަޖިލީހުގެ ބޭރުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން މިއަދު ފާޅުކުރި ކަންބޮޑުވުމަކީ މިއަދު އެކަނި ހިނގައި ދިޔަ ކަމެއް ނޫން ކަމަށެވެ.
ނާޒިލް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި އެ ދާއިރާގެ މެމްބަރުކަމުގެ ހުވާ ސޯބެ ކުރެއްވި ދުވަހުން ފެށިގެން ކަންބޮޑުވުމެއް އޮތް ކަމަށާއި، މަޖިލީހުގެ ކޮމިޓީއެއްގައި ސޯބެ ހިމަނަން ފުރަތަމަ ދުވަހުން ފެށިގެން މަަސައްކަތް ކުރައްވަމުން ގެންދަވާފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ މަޖިލީހުގެ އުސޫލުގައި ރޭޝިއޯ އޮންނަ ގޮތުން އެމްޑީޕީ އަށް ދެ ކޮމިޓީން ޖާގަދޭން ޖެހޭ ކަމަށާއި މަޖިލީހުގެ ކޮންމެ ކޮމިޓިއަކުން އެއް ޖާގަ އެމްޑީޕީއަށް އޮންނަ ޖެހޭ ކަމަށެވެ.
އެހެންކަމުން ދެ ޖާގަ އިތުރަށް ދޭން އެދިފައި ވާނެ ކަމަށާއި އެކަމުގައި ގޮތް ނިންމަން ޖެހޭނީ ޕީއެންސީގެ ޕާލަމެންޓްރީ ލީޑަރު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި ކުރާ އެންމެ ބޮޑު ކަމަކީ ކޮމިޓީތަކުގައި ކުރާ މަސައްކަތްތަކަށް ވާއިރު މަޖިލީހުން އަމަލުކުރަމުން ގެންދަނީ ސޯބެ އަށް އެ މަސައްކަތް ނުކުރެވޭ ގޮތަށް ކަަމަށާއި ޖާގަ ދޭން އެއްބަސްވަނީ މަޖިލީހުގައި އެންމެ މަދުން މަސައްކަތް ކުރާ ކޮމިޓީތަކުން ކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ސޯބެއަށް ޖާގަ ދޭން މަޖިލީހުން އެއްބަސްވަނީ މަޖިލީހުގައި އެންމެ މަދުން މަސައްކަތްކުރާ ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީ ފަދަ ކޮމިޓީތަކުން ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ މެމްބަރުންނަށް ބޭނުންވަނީ ވީހާ ވެސް ބޮޑަށް މަސައްކަތްކުރެވޭނެ ކޮމިޓީތަކުގެ ޖާގަ ކަމަށާއި އެކަމުގައި މެޖޯރިޓީ ޕާަޓީ (ޕީއެންސީ) އަށް ވާނެ ގެއްލުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިލު ތުހުމަތުކުރެއްވި ގޮތުގައި ރަނގަޅު ދެ ކޮމިޓީއަކުން އެމްޑީޕިއަށް ދެ ޖާގަ ދޭން ޕީއެންސީން އެއްބަސްނުވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ޖެއްސުން ކުރުމުގެ ގޮތުންނެވެ.
ހިތަދޫ އުތުރު ދާއިރާ އަަށް ސޯބެ އިންތިހާބުވީ އެ ދާއިރާގައި ކުރިން ހުންނެވި ޕީއެެންސީގެ މެންބަރު މުހައްމަަދު ސިނާންގެ މެމްބަރުކަމުގެ މަގާމު ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި އިލެކްޝަންގަ އެވެ. އެ އިންތިހާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.