ރައްޔިތުންގެ މަޖިލީހުގައި ކުރާ ބަހުސްތަކުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެންބަރުން ދައްކަވާ ވާހަކައަށް އާއްމު ގޮތެއްގައި ރައްދު ނުދެއްވި ނަމަވެސް މިއަދުގެ ބަހުސްގައި ބައެެއް މެންބަރުންނަށް ރަައްދު ދެއްވައިފި އެވެ.

އަބްދުއްރަހީމް އެންމެ ފުރަތަމަ ރައްދު ދެއްވީ މިއަދުގެ ޖަލްސާގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ "ރަބަ ސްޓޭމްޕް މަޖިލީހަކަށް" ބަދަލުވަމުންދާ ކަމަށް ވިދާޅުވެ، ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ދެއްކެވި ވާހަކަ އަށެވެ.

އެގޮތުން ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލުގެ ބަހުސްގައި މީކާއީލް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން މަޖިލީހަށް ކުރެވެން އޮންނަ މަސައްކަތެއް ނުކުރާތީ ހިތާމަކުރައްވާ ކަމަށެވެ.

މި ރައްޔިތުންގެ މަޖިލީހަކީ އިއްޒަތްތެރި ރައީސް، ރަބަ ސްޓޭމްޕް މަޖިލީހަކަށް ވެއްޖެ ނަމަ އަޅުގަނޑުމެންނަށް 2029 ވެސް [ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު] ވެސް ގެއްލޭނެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ގެެއްލޭނެ،"

ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު

އެ ވާހަކައަށް ޖަވާބުދެއްވަމުން މެންބަރު މީކާއީލަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެއް ކަމަށާއި އެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިއްޒަތްތެރި މެންބަރަކީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ކަން ހިނގައި ދިޔަ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑެއް ނެތިން ރަބަރު ސްޓޭމްޕްގެ ވާހަކަ ދައްކާކަށް،"

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މީގެ އިތުރުން އަބްދުއްރަހީމް ވަނީ ދުންފަތުން ޑިއުޓީ ބޮޑުކުރުމުގެ ފަހަތުގައި އޮތީ ވައްކަން ކަމަށް ތުހުމަތުކުރައްވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަ އަށްވެސް ރައްދު ދެއްވާފަ އެވެ.

ދުންފަތުގެ ޑިއުޓީ ކުޑަކުރާ ބިލުގެ ބަހުސްގައި ގަފޫރު ވަނީ ތަކުރާރުކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރީ "ވައްކަމުގެ މާކެޓެއް އުފައްދަން" ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެހެންކަމުން ގަފޫރަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަށް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭ ކަމަށާއި ނަމަވެސް ވައްކަން ކުރި ސަރުކާރުތަކާ މެދު ރައްޔިތުން އަމަލުކުރިކޮށް މާޒީގައި ފެނިފައިވާ ކަމަށެވެ.

އަދި ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ، ހެޔޮ ވެރިކަމެއްގެ ބޭނުމުގައި 2023 ގައި ގެނައި މި ވެރިކަމުން، ރައްޔިތުންގެ މަޖިލީހުން ހެޔޮވެރިކަމެއް ގާއިމްކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،"

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ދައްކަވާ ވާހަކަތަކަށް ރިޔާސަތުން އާއްމުގޮތެއްގައި ރައްދު ދޭނީ ރިޔާސަތަށް ފާޑުކިޔައި ނުވަތަ ތުހުމަތުތެއް ކުރާ ހާލަތުގަ އެވެ.

އެއާ ހިލާފަށް ބަހުސްގެ ތެރެއަށް މާބޮޑަށް ވެެދެވަޑައިގަންނަވާތީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭރު ފާޑުކިއުންތައް އަމާޒުވި ނަމަވެސް 20 ވަަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މީގެ ކުރިން އެގޮތަކަށް އަމަލެއް ނުކުރައްވަ އެވެ.