ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދޭ ދުނިޔޭގެ ގަދަ 100 ތައުލީމީ މަރުކަޒުތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނިއްޖެ އެވެ.

ވިލާ ކޮލެޖުން ވަނީ ދުނިޔޭގެ މަތީ ތައުލީމުދޭ މުއައްސަސާތަކުގެ ފެންވަރު ވަޒަންކުރާ ބައިނަލްއަގުވާމީ މިންގަނޑު "ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026" ގައި ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުން ވަޒަންކުރާ 'އެސްޑީޖީ 4'ގެ ކެޓަގަރީން މުޅި ދުނިޔެއިން ބައިވެރިވި 1,335 މުއައްސަސާގެ ތެރެއިން 82 ވަނަ މަގާމު ހާސިލުކޮށްފަ އެވެ.

މިއީ މިދިޔަ އަހަރު މި ކެޓަގަރީން ވިލާ ކޮލެޖު ހިމެނުނު 101-200 ބޭންޑުން ކުރިއަރައި، ފުރަތަމަ ފަހަރަށް ދުނިޔޭގެ ގަދަ 100 އިން ޖާގަ ހޯދައި، ރާއްޖޭގެ ތައުލީމީ މުއައްސަސާއަކުން ބައިނަލްއަގުވާމީ މައިދާނުގައި ހޯދި މިފަދަ އެންމެ ޝަރަފުވެރި އެއް ކާމިޔާބީ އެވެ.

މީގެ އިތުރުން މިއީ މި ރޭންކިންގައި ވިލާ ކޮލެޖަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެސް ވިލާ ކޮލެޖުން ބުނެފައިވެއެވެ.

އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދުނިޔޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ކުރާ މަސައްކަތްތައް، ޓީޗިން، ރިސާޗް، ސްޓްވާޑްޝިޕް އަދި އައުޓްރީޗް، މި ހަތަރު ދާއިރާއިން ވަޒަންކޮށް، އެކުލަވާލާ މި ރޭންކިންގްސގެ މިއަހަރުގެ ނަތީޖާ ދައްކާ ގޮތުން މުޅި ދުނިޔެއިން ބައިވެރިވި 1,603 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ އޯވަރޯލް ރޭންކިން ގައި 301 އާއި 400 އާ ދެމެދުގެ ބޭންޑުގައި ވަނީ ހިމެނިފަ އެވެ.

މިއީ މިދިޔަ އަހަރު ވިލާ ކޮލެޖު ހިމެނުނު 401 އާއި 600 ބޭންޑާ އަޅާބަލާއިރު، އެންމެ އަހަރެއްގެ ތެރޭގައި އެ ކޮލެޖުން ހާސިލްކުރި ބޮޑު ކުރި އެރުމެއް ކަމަށް ވީއިރު، ވިލާ ކޮލެޖަށް ލިބުނު މި ތާރީހީ ކާމިޔާބީއާ އެކު، އެ ކޮލެޖު ވަނީ އެ ރޭޓިންގައި ރާއްޖޭގެ ކޮލެޖު، ޔުނިވާސިޓީތަކުގެ ތެރެއިން އެންމެ މަތިން ރޭޓުކުރި ކޮލެޖުގެ މަގާމު ވެސް ހޯދައިފަ އެވެ.

ވިލާ ކޮލެޖުން "ޓައިމްސް ހަޔާ އެޑިއުކޭޝަން ސަސްޓެއިނަބިލިޓީ އިމްޕެކްޓް ރޭޓިންގްސް 2026"ގެ ރޭންކިންގައި ދެމެހެއްޓެނިވި ތަރައްގީގެ އިތުރު ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތައް ހާސިލްކޮށްފަ އެވެ. އެގޮތުން ކުރިއެރުން ހޯދި ދާއިރާތަކަށް ބަލާލާއިރު، އެސްޑީޖީ 16 (ޕީސް، ޖަސްޓިސް އެންޑް ސްޓްރޯންގް އިންސްޓިޓިއުޝަންސް): ދުނިޔޭގެ 914 މުއައްސަސާގެ ތެރެއިން 101-200 ބޭންޑުގައި ހިމެނުން، އެއީ މިދިޔަ އަހަރުގެ 201-300 ބޭންޑުން އެއް ބޭންޑު ކުރިއަރައި، ހެޔޮ ވެރިކަމުގެ ނިޒާމުތަކާއި އިންސާފު ގާއިމުކުރުމަށް ވިލާ ކޮލެޖުން ކުރާ މަސައްކަތުން ލިބުނު ކުރިއެރުމެއްގެ ގޮތުގައި އެ ކޮލެޖުން ފާހަގަކުރި އެވެ.

މީގެ އިތުރުން އެސްޑީޖީ 3 (ގުޑް ހެލްތް އެންޑް ވެލް ބީން): ދުނިޔޭގެ 1,254 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި ހިމެނިފަ އެވެ. އެއީ މިދިޔަ އަހަރުގެ 601-800 ބޭންޑުން އެތައް ދަރަޖައެއް ކުރިއަރައި، މި އަހަރު ވިލާ ކޮލެޖުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދާއިރާ އެވެ.

އެއީ މުޖުތަމައުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އެ ކޮލެޖުން ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީން އެ ކޮލެޖން މުޖުތަމައުގެ ދުޅަހެޔޮކަމަށް ދޭ އަހައްމިޔަތު ހާމަވާކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

ހަމަމިއާއެކު، އެސްޑީޖީ 5 (ޖެންޑާ އީކުއަލިޓީ): ދުނިޔޭގެ 1,095 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި، މިދިޔަ އަހަރެކޭ އެއްފަދައިން ދުނިޔޭގެ ކުރީ ސަފުގައި ހިމެނިފަ އެވެ.

އެއީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ހުރިހާ ދަރިވަރުންނަށް ތަފާތު ކުރުމެއް ނެތި ފުރުސަތުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މީގެ އިތުރުން އެސްޑީޖީ 17 (ޕާޓްނާޝިޕް ފޯ ގޯލްސް): ދުނިޔޭގެ 1,610 މުއައްސަސާގެ ތެރެއިން ވިލާ ކޮލެޖު ވަނީ 201-300 ބޭންޑުގައި ހިމެނި، މިދިޔަ އަހަރުގެ މާގަމު ވަނީ ދަމަހައްޓައިފަ އެވެ.މިއީ އެކި ފަރާތްތަކާ ގުޅިގެން ވިލާ ކޮލެޖުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގެ ގާބިލުކަން ދައްކައިދޭ ރޭޓިންއެއް ކަމަށް ބުންޏެވެ.

ޓައިމްސް ހަޔާ އެޑިއުކަންސް ރޭޓިންސްގައި ލިބުނު ކާމިޔާބީތައް ފާހަގަކުރައްވައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ އެ ކާމިޔާބީއަކީ އެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެންމެ އަހަރެއްގެ ތެރޭގައި މިހާ ބޮޑު ކުރިއެރުމެއް ހޯދުމަކީ، ފެންވަރު ރަނގަޅު ތަޢުލީމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަޅުގަނޑުމެން ދޭ އިސްކަން ދައްކުވައިދޭ ކަމެއް،"

ވިލާ ކޮލެޖުގެ ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު

މީގެ އިތުރުން ނަޖީބު ވިދާޅުވީ ވިލާ ކޮލެޖަކީ ދުނިޔޭގެ ފެންވަރުގެ ކޮލިޓީ ތައުލީމެއް ފޯރުކޮށްދީ، އިޖުތިމާއީ ގޮތުން ޒިންމާދާރު، ހޭލުންތެރި ޖީލެއް ބިނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށެވެ.

ނަޖީބު ވަނީ ހާއްސަކޮށް ތައުލީމީ ފެންވަރު ވަޒަންކުރާ އިންޑެކްސްގައި މުޅި ދުނިޔެއިން 82 ވަނައިގައި ވިލާ ކޮލެޖު ހިމެނުމަކީ މަތީ ތައުލީމު ހާސިލުކުރުމަށް އެ ކޮލެޖު ހިޔާރުކުރާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ޔަގީންކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

އެއީ އެ ދަރިވަރުން ހާސިލުކުރާ ސަނަދުގެ ބުރަދަން ބައިނަލްއަގުވާމީ ވަޒީފާގެ ބާޒާރުގައި އުފުލި، ފަހި ފުރުސަތުތަކެއް ހުޅުވޭނެ ކަމެއް ކަމަށްވެސް ނަޖީބު ވިދާޅުވި އެވެ.